މިއަހަރު ދުނިޔޭގައި ނޫސްވެރިންނަށް އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވަނީ ޕާކިސްތާނުގައި ކަމަށް ޚަބަރު ލިބިއްޖެ. ނޫސްވެރިންނާބެހޭ އެމެރިކާގެ ޖަމްޢިއްޔާއެއް ކަމަށްވާ ކޮމިއުނިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓް (ސި.ޕީ.ޖޭ.) ބުނިގޮތުގައި މިއަހަރުތެރޭގައި ޕާކިސްތާނުގައި ނުސްވެރިންގެ އަށްމީހަކުވަނީ މަރާލާފައެވެ. ޕާކިސްތާން ފިޔަވައި މިއަހަރު ނޫސްވެރިންނަށް އެންމެ ނުރައްކާބޮޑީ ޢިރާޤާއި ހޮންޑިއުރަސްއާއި މެކްސިކޯގައި ކަމަށާއި މީގެތެރެއިން ޢިރާޤުގައި ހަތަރު ނޫސްވެރިއަކު މަރާލާފައިވާއިރު އަނެއް ދެޤައުމުންކުރެ ކޮންމެ ޤައުމެއްގައިވެސް ތިން ނޫސްވެރިއަކު މަރާލާފައިވާ ކަމަށް މި ޖަމްޢިއްޔާއިން ނެރުނު ރިޕޯޓެއް ބުނެއެވެ. މިރިޕޯޓް ބުނާގޮތުން ނޫސްވެރިންނަށް އަމާޒުކޮށް ދޭ ޙަމަލާތަކުގައި މިދިޔަ އަހަރު ހަތްދިހަ ދެ ނޫސްވެރިއަކު މަރާލާފައިވެއެވެ. މިފަދަ ޙަމަލާތަކުގައި މިއަހަރު މަރާލާފައިވަނީ ސާޅީސް ދެ ނޫސްވެރިން ކަމުން މިދިޔަ އަހަރަށްވުރެ މިއަހަރު ނޫސްވެރިން މަރާލެވުނު ޢަދަދު މަދުކަމަށް މިރިޕޯޓް ބުނެއެވެ. ނަމަވެސް ނޫސްވެރިންނަށް ސީދާ ގޮތެއްގައި އަމާޒުނުކޮށް ޝައްކު އުފެދޭގޮތަށް ދެވުނު އެތަށް ޙަމަލާތަކެއްގައި ދުނިޔޭގެ އެކިޤައުމުތަކުން އަށާވީސް ނޫސްވެރިއަކު މަރުވެފައިވާކަމަށް މިރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ. - ޖަވާދު