17 Feb 2014, 09:39
ބާންގީ (ފެބްރުއަރީ 17): ނަސްލު ނައްތާލުމުގެ ބިރާ ކުރިމަތިލާންޖެހިފައިވާ ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ނަސާރާ މިލީޝިޔާތަކުން ހިންގަމުން ގެންދާ ނަސްލު ނައްތާލުމުގެ އަނިޔާވެރި އަމަލުތަކަކާ ގުޅިގެން ފާއިތުވި ތިން ހަފްތާތެރޭގައި މުސްލިމުންގެ އެތައް ލައްކަ ބަޔަކު ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ޗާޑް އަށާއި ކެމެރޮންއަށް ގޮސްފައިވާ ކަމަށް އދ. ން ބުނެފި އެވެ.
އދ.ގެ ރެފިއުޖީންނާ ބެހޭ ހައިކޮމިޝަންގެ ވެރިޔާ އެންޓޯނިޔޯ ގޮޓިރަސް ވިދާޅުވި ގޮތުގައި މިހާގިނަ އަދަދެއްގެ ރެފިއުޖީންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް އަދި ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާއާއި ވަސީލަތްތައް ނެތުމުން ރެފިއުޖީންގެ ޙާލަތު ދަނީ ގޯސްވަމުންނެވެ. އަނެއްކޮޅުން ނަސާރާ މިލީޝިޔާތަކުން ހިންގަމުން ގެންދާ ނަސްލު ނައްތާލުމުގެ އަނިޔާވެރި އަމަލުތަކުން ސަލާމަތްވުމުގެ ގޮތުން ގައުމު ދޫކޮށް ދާންބޭނުންވާ މުސްލިމުންގެ އިތުރު އެތައް ހާސްބަޔަކު ވެރިރަށް ބާންގީގެ ޢަސްކަރީ އެއަޕޯޓަށް ޖަމާވަމުންދާ ކަމަށް އދ.ގެ ސުލްޙައިގެ ފައުޖުތަކުން ބުނެ އެވެ.
މުސްލިމުން މި އެއަރޕޯޓަށް ޖަމާވަމުން ދަނީ އެގައުމުގައި ހަރަކާތްތެރިވާ ބޭރުގެ ސިފައިންގެ އެހީގައި އެމީހުން އަވަށްޓެރި ގައުމުތަކަށް ގެންގޮސްދިނުމަށް އެދިގެން ކަމަށް ޚަބަރުތައް ބުނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެކި ސަބަބުތަކާ ގުޅިގެން ގައުމު ދޫކޮށް ދިޔުމަށް ނުކުޅެދިފައިވާ އެތައް ހާސް މުސްލިމުން ރައްކާތެރިކަން ހޯދުމަށް ޓަކައި ވެރިރަށް ބާންގީގައި ހުންނަ އެންމެ ބޮޑު މިސްކިތަށާއި ބޭރުގެ ބާރުތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ ބައެއް އިމާރާތްތަކަށް ވެސް ދަނީ ޖަމާވަމުންނެވެ.
ސެންޓްރަލް އެފްރިކަން ރިޕަބްލިކްގައި ސުލްޙަ ގާއިމްކުރުމަށް އދ. ން ދީފައިވާ ހުއްދައިގެ ދަށުން އެގައުމުގައި މިހާރުތިބި ކަމަށްވަނީ 700 އެއްހާ ބޭރު ސިފައިންނެވެ. މީގެތެރޭގައި ހިމެނެނީ ފަރަންސޭސި ސިފައިންނާއި އެފްރިކާގެ އިއްތިޙާދަށް ނިސްބަތްވާ ސިފައިންނެވެ. ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ މުސްލިމުން މަރައި އެމީހުންނާ ދެކޮޅަށް އަނިޔާވެރި ޢަމަލުތައް ހިންގުމުގައި ޙަރަކާތްތެރިވާ ނަސާރާ މިލީޝިޔާތަކުގެ ހަނގުރާމަވެރިން ހިފަހައްޓައި އެމީހުންގެ އަތުގައިވާ ހަތިޔާރުތައް އަތުލުމުގެ މަސައްކަތް ފަރަންސޭސި ސިފައިންނާއި އެފްރިކާގެ އިއްތިޙާދުގެ ސުލްހައިގެ ސިފައިން ކުރަމުން ގެންދިޔަ ނަމަވެސް ނަސާރާ މިލީޝިޔާތައް މައިތިރި ކުރުމުގައި ބޭރުގެ ބާރުތަކަށް މާބޮޑު ކުރިއެރުމެއް ލިބެމުންނުދާ ކަމަށް ޚަބަރުތައް ބުނެ އެވެ.
ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ މުސްލިމުންނާ ދެކޮޅަށް ގަތްލު އާންމުތައް ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވަނީ "އެންޓީ ބްލާކާ" ނަމަކަށްކިޔާ ނަސާރާ މިލީޝިޔާއެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަސާރާ މިލީޝިޔާތަކުން ހިންގަމުން ގެންދާ ނަސްލު ނައްތާލުމުގެ ޖަރީމާތަކަކީ ދުލުން ސިފަނުކުރެވޭ ފަދަ އިންސާނީ ބޮޑު ގިލަންވެރިކަމެއް ކަމަށް ރެފިއުޖީންނާބެހޭ އދ.ގެ ހައިކޮމިޝަނަރު އެންޓޯނިޔޯ ގޮޓިރަސް ވަނީ ސިފަކުރައްވާފަ އެވެ. މުސްލިމް އެތައް ޢާއިލާއެއްގެ މެންބަރުން ކަތިލުމަށް ފަހު އެމީހުންގެ ހަށިތައް ސިއްރިޔާތުގައި ވަޅުލާފައިވާ ބޮޑު ކަށްވަޅެއް ވެރިރަށް ބާންގީ ސަރަހައްދަކުން ދާދިފަހުން ފެނިފައިވާކަން އޭނާވަނީ ހާމަކުރައްވާފަ އެވެ.(އަލްޖަޒީރާ