ދިމިޝްގު (ފެބްރުއަރީ 17): ޖެނީވާ 2ގެ ނަމުގައި ސްވިސްޓްޒަލޭންޑްގައި ކުރިޔަށްދިޔަ ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް ނާކާމިޔާބު ކަމަށް ދެކެވޭ ވާހަކަތައް ސޫރިޔާގެ ޚާރިޖީ ވަޒީރު ވަލީދުލްމުޢައްލިމް ދޮގުކުރައްވައިފި އެވެ.

ސުލްޙައިގެ ވާހަކަތަކަށް ޖެނީވާގައި ހުންނެވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގެން ދެއްވި ބަޔާނެއްގައި އޭނާ ވިދާޅުވީ އެވާހަކަތަކުން ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި ވާހަކަތައް ކާމިޔާބު ކަމުގަ އެވެ. މުޢައްލިމް އިތުރަށް ވިދާޅުވީ ކުރިން ހީކުރެވިފައިނުވާ އެތައް ކަމަށް ޖެނީވާ 2ގެ ދަށުން ސްވިޓްޒަލޭންޑްގައި ކުރިޔަށް ދިޔަ ސުލްހައިގެ ވާހަކަތަކުން ހާސިލް ކުރެވިފައިވާތީ ސުލްޙައިގެ ވާހަކަތައް ނާކާމިޔާބު ކަމަށް ގަބޫލު ނުކުރެވޭ ކަމުގަ އެވެ. ނަމަވެސް ސުލްޙައިގެ ވާހަކަތަކުން ހާސިލް ކުރެވުނު ނަތީޖާގެ ތަފްސީލް މުޢައްލިމް ދެއްވާފައެއް ނުވެ އެވެ.

ޖެނީވާގައި ކުރިޔަށްދިޔަ ސޫރިޔާ ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ސުލްޙައިގެ ވާހަކަތައް ނާކާމިޔާބުވެއްޖެކަން މިދިޔަ ހޮނިހިރު ދުވަހު އިއްލާން ކުރައްވާފައި ވަނީ އެވާހަކަތަކުގައި މެދުވެރިއެއްގެ ބައި އަދާކުރެއްވި އދ.ގެ މަންދޫބު އަލްއަޚްޟަރުލް އިބްރާހީމީ އެވެ. އެމެރިކާ އާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުންވަނީ ސުލްޙައިގެ ވާހަކަތައް ނާކާމިޔާބުވި ކަމުގެ ޒިންމާ ސޫރިޔާ ސަރުކާރުގެ ބޮލުގައި އަޅުވާފަ އެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައަށް ނިމުމެއް ގެނައުމުގެ މަގްސަދްގައި ކުރިޔަށް ގެންދިޔަ ސުލްޙައިގެ ވާހަކަތައް ނާކާމިޔާބުވީ ޙަމަލާތައް ހުއްޓާލުމަށް ފުރަތަމަ އަޅަން ޖެހޭ ފިޔަވަޅުތައް ކަނޑައެޅުމުގައި ސޫރިޔާ ސަރުކާރުގެ ވަފްދާއި އިދިކޮޅު އިއްތިޙާދުގެ ވަފްދުން ވެސް ދޫނުދީ ކޮންމެ ބަޔަކު ވެސް އެބައެއްގެ ގޮތުގައި ހިފެހެއްޓުމުގެ ސަބަބުން ކަމަށް ޚަބަރުލިބެ އެވެ. މިގޮތުން އިދިކޮޅު ހަނގުރާމަވެރިން ހިންގާކަމަށް ސަރުކާރުން ތުހުމަތުކުރާޓެރަރިޒަމްގެ ޢަމަލުތައް ފުރަތަމަ ހުއްޓާލުމަށް ސޫރިޔާ ސަރުކާރުގެ ވަފްދުން އެދުމުން އިދިކޮޅު ވަފްދުން ވަނީ ރައީސް ބައްޝާރުލްއަސަދާ ނުލައި ވެރިކަމުގެ އިންތިގާލީ މަރްހަލާއެއް ގާއިމް ކުރުމުގެ ވާހަކަތަކަށް އިސްކަން ދިނުމަށް ސަރުކާރުގެ ވަފްދުގެ ކިބައިން އެދިފަ އެވެ. (އަލްޖަޒީރާ)