17 Feb 2014, 09:09
ބަބުކެޔޮ އެއްވަރަކަށް ފޮތިފޮތި ކޮށްލުމަކީ "ކަވި" މަސައްކަތެކެވެ. ތުނިކޮށް އެއްވަރަކަށް ވަކި ސައިޒަށް ބަބުކެޔޮ ކޮށާލުމަކީ އަތަށް ފަސޭހަ ކަމެއް ނޫނެވެ. ކިއްސަރަކަށް ވަޅި ދަމާލާ ގޮތަކުން ގޮތުން އިނގިލިތައް ޒަހަމްވެދާނެ އެވެ.
އެ މަސައްކަތުގައި އުޅެނިކޮށް ކިތަންމެ ދުވަހަކު ދ. ކުޑަހުވަދޫ ނޫރާނީގޭ، އަހުމަދު މައުރޫފް،47،ގެ އަންހެނުން "އަވަދިވެ" އެވެ. އިނގިލިތައް ކަފައިގެން ގޮސް، އަތުގެ ތެޔޮހަން ނެއްޓި، މައުރޫފުގެ އަންހެނުންނަށް ދިލަ ނެގުމުގެ އަސަރާ ކުރިމަތިލަ އެވެ.
http://www.youtube.com/watch?v=aoUo2a0AqOs
އެ ވޭނުން އަންހެނުން ސަލާމަތް ކުރުމަށް މައުރޫފް ތައްޔާރު ކުރީ މަސްނުވީ އެއްޗެކެވެ. އެއީ ބަބުކެޔޮ ކަފާ މެޝިނެކެވެ. ބަބުކޭލެއް ތޮށި މަށާފައި މެޝިނަށްލުމުން ފޮތިފޮތިވެގެން ނުކުމެ އެވެ. ބޭނުން ސައިޒަކަށް ތުނިކޮށް، ކޮށައިލަދެނީ ބަބުކެޔޮ ކަފާ މެޝިނުންނެވެ. އަތްފޯރާ ފަށުގައި ހުންނަ ތަކެތިން އެފަދަ މަސްނޫއީ ތަކެތި ހެދުމުގައި މައުރޫފަކީ މާހިރެކެވެ.
މައުރޫފް ބުނި ގޮތުގައި ވެލްޑިންގް ކުރުމުގެ މަސައްކަތަށް އޭނާ ޝައުގުވެރިވީ މީގެ ނުވަ ވަރަކަށް އަހަރު ކުރިނެވެ. އެ މަސައްކަތް ފެށީ ގާ އަޅާ މެޝިނެއް ހެދުމުގެ ބޭނުމުގަ އެވެ.
މިފަހަރު ރަށު ކައުންސިލްގެ އިންތިހާބަށް ވެސް ކުރިމަތިލި މައުރޫފް ވަނީ މިފަދަ ތަފާތު އެތައް މެޝިންތަކެއް މިހާތަނަށް އުފައްދައިފަ އެވެ. އެގޮތުން އެންމެ ފުރަތަމަ އޭނާ ހަދާފައި ވަނީ ސްޓޭޖްގައި ބޭނުންކުރާ ކަހަލަ ފޮގް މެޝިނެކެވެ. އެއަށް ފަހު ސްޓޭޖްގެ ބެކްރައުންޑަށް އަލި އަޅުވާ ދެ ލައިޓާއި ލަނކުޑީގައި ލިޔުމަށް ބޭނުންކުރާ މެޝިނެއްގެ އިތުރުން ދިޔަދޮވި ހަދާ މެޝިނެއް ވެސް އުފައްދާފައިވެ އެވެ.
މައުރޫފް ބުނި ގޮތުގައި ރަށު މަދަރުސާ ނިންމުމަށް ފަހު އެންމެ ފުރަތަމަ ކުރަން ފެށީ ވަޑާމުގެ މަސައްކަތެކެވެ. އެއަށް ފަހު ރޭނުމާއި ސިމެންތި ޖެހުމުގެ އިތުރުން ވެލްޑިންގެ މަސައްކަތް ވެސް ދަސްކުރީ އެވެ. މައުރޫފު ވަނީ ލަނކުޑީގައި ލިޔާ މެޝިނެއް މައުރަޒަކަށް އުފައްދައިގެން އެ މައުރަޒުން ތިން ވަނަ ހޯދާފަ އެވެ.
ރަށު ހޮސްޕިޓަލްގެ ލޯންޑްރީ ބައިގައި މަސައްކަތް ކުރަމުން އަންނަ މައުރޫފްގެ އަންހެނުން ބަބުކެޔޮ ފޮތި ކުރުމަށް ކުރިން މުޅި ދުވަސް ކަހަލަ ގޮތަކަށް ހޭދަ ކުރަން ޖެހެ އެވެ. ނަމަވެސް މި މެޝިންގެ ސަބަބުން މިނެޓެއްގެ ތެރޭގައި ތިން ކެޔޮ ކޮށާލެވޭ ކަމަށް އޭނާ ބުންޏެވެ. "ކުރިން ވެއްޖެއްޔާ 30 ބަބުކެޔޮ ކޮށައި ތެއްލުމުގެ މަސައްކަތް ކުރުމަށް ދެ ދުވަސް ނަގާ" މައުރޫފް ބުންޏެވެ.
ކަރަންޓް ކުޑަ މޯޓަރެއް ބޭނުންކޮށްގެން ހިންގާ އެ މެޝިން ހަދާފައި ހުންނަނީ ދަނގަޑާއި އޮމާންޓިނު ބޭނުންކޮށްގެންނެވެ. ބަބުކެޔޮތައް ފޮތިފޮއްޗަށް ކޮށާލަނީ އޭގެ އެތެރޭގައި ހަރުކޮށްފައި އިންނަ ތިލައެއްގެ އެހީގަ އެވެ. އެ ތިލައިގެ އެހީގައި ބަބުކެޔޮތައް ބޭނުން ތުނިމިނުގައި ކޮށާލެވެ އެވެ. އަދި ވަރަށް ކުދިކުދި އެތިއެތިކޮޅަށް ބަބުކެޔޮ ކޮށާލުމުގެ ގާބިލްކަން ވެސް އެ މެޝިނަށް ލިބިގެންވެ އެވެ.
އެ މެޝިންނަކީ ފިޔާ އަލުވި މިރުސް ފަދަ އެއްޗެހި ވެސް ބޭނުން ތުނި މިނެއްގައި ކޮށާލެވޭ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެއް ކަމަށް ވެސް މައުރޫފް ބުންޏެވެ.
އެ މެޝިން މިހާރު ހުރީ ބަބުކެޔޮ ފޮތިކުރެވޭ ވަރަށް ތައްޔާރުވެފަ އެވެ. ނަމަވެސް މެޝިން މުޅިން ނިންމާލެވޭނީ މެޝިންގައި ދަވާދުލައި ބޭރުގައި ކަވަރު އެޅުވުމުން ކަމަށް ވެސް މައުރޫފް ބުންޏެވެ.
މައުރޫފްގެ ދެމަފިރިންން ބަބުކެޔޮކޮށައި ތެލުލުމުގެ މަސައްކަތް މިހާރު ކުރަނީ އާއްމުދަނީއެއް ހޯދަމުގެ ބޭނުމުގައެއް ނޫނެވެ. އެ މީހުން އެ މަސައްކަތް ކުރަނީ ރަށުގެ ތިމާގެ މީހުންނަށް ހަދިޔާ ކުރުމަށާއި ގޭގައި ބޭނުން ކުރުމަށެވެ. ނަމަވެސް މިހާރު ގިނަ ބަޔަކު މެޝިނުން ބަބުކެޔޮ ކޮށަން އެދިގެން އަންނަ ކަމަށާއި އޭގެ ހަ މެޝިން ހަދައިދިނުމަށް އޯޑަރު ވެސް ލިބިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ބަބުކެޔޮ މިހާރު މި ކޮށަދެނީ އަގަކަށް ނޫން، ނަމަވެސް އަޅުގަނޑުގެ ވިސްނުން ހުރީ މެޝިން މުޅިން ފުރިހަމަކޮށް ނިމުނީމައި ގޭގެއަށް ކުއްޔަށް ދޫކުރަން، ހަ މެޝިނެއް ހެދުމަށް ބައެއް ރަށްރަށުން އޯޑަރު ވެސް އެބަހުރި ލިބިފައި،" މައުރޫފް ވިދާޅުވި އެވެ.
ތިން ކުދިންނާ އެކު އާއިލާ ގޮވައިގެން ރަށުގައި ދިރިއުޅެމުން އަންނަ މައުރޫފްގެ އުއްމީދަކީ އޭނާގެ ފަރާތުން ގިނަ ބައަކަށް ފައިދާތަކެއް ކުރާނެ މިފަދަ ތަފާތު އެތައް އެއްޗެއް އުފެއްދުމެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ބަބުކެޔޮ މެށުމަށް ފަހު ހަތަރު ފަޅިއަށް ފަޅައިލެވޭނެ ގާބިލްކަން ލިބިފައިވާ މެޝިނެއް ހެދުމުގެ ވިސްނުން ހުރި ކަމަށާއި ވަރަށް އަވަހަށް އެ މަސައްކަތް ފަށާނެ ކަމަށް އޭނާ ބުންޏެވެ.