17 Feb 2014, 03:13
ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ ކުޅިވަރާ ބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްދެއްވާނެ ކަމަށް ވައުދުވެފައިވާ، ސްޕޯޓްސް އެރީނާ ތަކުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ފައްޓަވާނޭ ކަމަށް ކުޅިވަރާބެހޭ ވަޒީރު މުހައްއްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.
"ޔުނިޓީ ތުރޫ ފުޓްސަލް" ޕްރޮގްރާމްގެ ދަށުން، އެސްޓީއޯ އާއި އެމްއެންޑިއެފް އަދި ޔޫތު މިނިސްޓްރީ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރުމަށް ނިންމާފައިވާ ފުޓްސަލް ދަނޑުތަކުގެ ތެރެއިން ތިންވަނަ ދަނޑު، ވިލިމާލޭގައި ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި މަލީހު ވިދާޅުވީ، މިރޭ ހުޅުވިގެން ދިޔަ ފުޓްސަލް ދަނޑަކީ، ކުޅިވަރު އެރީނާ ތަކުގެ "އައުޓްޑޯ ކޮމްޕޯނެންޓެއް" ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ މިއީ ޕީޕީއެމް އަދި ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައިވާ ސްޕޯޓްސް އެރީނާތަކުގެ އެއް ކޮމްޕޯނެންޓޭ. އެއީ ހަމައެކަނި ފުޓްސަލް ދަނޑު. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމް ކުރާ ސްޕޯޓްސް އެރީނާތައް ވެގެންދާނީ، މިފަދަ ފުޓްސެލް ދަނޑަކާ، ބަށިކޯޓާ، ނެޓްބޯޅަ ކޯޓާ، ބާސްކެޓްބޯޅަ ކޯޓާ، އެއީ ބޭރުގަ ކުޅޭ ކުޅިވަރުތަކުގެ ތޭރޭގައި. އޭގެ އިތުރުން އިންޑޯ ކުޅިވަރުތައް ކުޅޭ ހޯލުގައި، އަޅުގަނޑުމެން ހަމަޖައްސާފައި ވާނީ، ބެޑްމިންޓަން، ބިލިޔާޑް، ގާލެންޑޯ އަދި ކެރަމް، ޗެސް ފަދަ ކުޅިވަރުތައް،" މަލީހު ވިދާޅުވި އެވެ.
ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ، އެފަދަ އެރީނާތައް ފަރުމާވެގެންދާނީ، ފުޓްބޯޅަ ދަނޑަކާއި، ދުޅަހެޔޮކަމަށްޓަކައި، ވަށައިގެން ދުވެވޭ ޖޮގިން ޓްރެކެއް ވެސް ހިމެނޭގޮތަށް ކަމަށެވެ. އަދި އެރީނާ ތަކުގެ ކުރެހުންތައް ނިމި މިހާރު ހުރީ ބިޑްކުރުމާ ހަމައިގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިކަމަކީ މިސަރުކާރުން ކުރާނެ ކަމެއް. އަޅުގަނޑުމެން މިހާރު ވަނީ މިދެންނެވި ސްޕޯޓްސް އެރީނާތަކުގެ ކުރެހުންތައް ނިންމައި، އޭގެ ތަފްސީލު ވަރަށް ކައިރި މުސްތަގުބަލެއްގައި، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދިހަ ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ރަސްމިއްޔާތެއް ބާއްވާނަން، އެ ކުރެހުންތަކާއެކު އަދި ބިޑްކުރުމުގެ މަސައްކަތް ވެސް އެއާއެކު ކުރިއަށް ދާނެ،" ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވި އެވެ.
މަލީހު ވިދާޅުވީ، ވައުދުވެފައިވާ ފަދައިން މި ސަރުކާރުގެ ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ 34 ސަރަހައްދެއްގައި ގާއިމު ކުރުމަށް ނިންމާފައިވާ، ކުޅިވަރު އެރީނާތައް، ނިންމޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ.
މަލީހު ވިދާޅުވީ މަޖިލީހުން މިދިޔަ އަހަރު ފާސްކުރި ބަޖެޓުގައި ޒުވާނުންނަށް ކަނޑައަޅާފައި ވަނީ 300 މިލިޔަން ރުފިޔާ ނޫން ކަމަށާއި އަދި އެމަނިކުފާނު މިއަދު ހިސާބުތައް ރަނގަޅަށް ބެއްލެވިއިރު 420 މިލިއަން ރުފިޔާގެ ބަޖެޓެއް ޒުވާނުންނަށް ކަނޑައަޅާފައި ވާކަން އެނގިވަޑައިގެންނެވި ކަމަށެވެ.
"އަޅުގަނޑު ބަލައިލިން މި ސަރުކާރުން މަޖިލީހަށް ހުށަހަޅައި ފާސްކޮށްދެއްވާފައިވާ ބަޖެޓް. އަޅުގަނޑުމެންގެ ރައީސް ކެމްޕެއިންތެރޭގައި ވިދާޅުވެދެއްވި، ތިމަންމަނިކުފާނު ރާއްޖޭގެ ރައީސް ކަމަށް ވަޑައިގެންފިއްޔާ، އެއްކަލަ ޒުވާނުންނަށް ކަނޑައަޅާފައިވާ 60 މިލިޔަން ރުފިޔާގެ ބަޖެޓް، ފަސް ގުނަ ބޮޑުކޮށް 300 މިލިޔަން ރުފިޔާއަށް ބޮޑުކޮށް ދެއްވާނަމޭ،" މަލީހު ވިދާޅުވި އެވެ.
"ބައްލަވާ އަޅުގަނޑު މިއަދު ބަޖެޓް ކުޑަކޮށް ދިރާސާކޮށް ބަލައިލިއިރު އަޅުގަނޑަށް މިއަދު ކުއްލި ހައިރާން ކަމެއް ލިބިގެން ދިޔައީ. އެއްކަލަ ބަޖެޓް އޮތީ 300 މިލިއަން ރުފިޔާ އެކަންޏެއް ނޫން އިނގޭތޯ! 420 މިލިޔަން ރުފިޔާ އޮތޭ އިނގޭތޯ ޒުވާނުންނަށްތަކައި. މިއީއެއް ނޫންތޯ އަޅުގަނޑުމެން މިކިޔާ ޒުވާނުންނަށް ކަންތައްތައް ކޮށްދޭނެ ޒުވާނުންގެ ސަރުކާރަކީ."
މަލީހު ވިދާޅުވީ މި ސަރުކާރު ވުޖޫދަށް އައުމަށް ފަހު އެންމެ ފުރަތަމަ ނިންމަން ޖެހުނު އެއް ކަމަކީ، "ދިވެހި ޒުވާނުންނަށް އޭއެފްސީ ޗެލެންޖް ކަޕް، ރާއްޖޭގައި ބާއްވާނީތޯ ނޫނީ ނޫންތޯ" މި ނިންމުން ކަމަށެވެ.
"އަޅުގަނޑު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ތަފްސީލީ ގޮތެއްގައި އެކަމުގައި މަޝްވަރާ ކުރިން. އަޅުގަނޑު ދެންނެވިން ރާއްޖޭގައި އޭއެފްސީ ޗެލެންޖު ކަޕް ނުބޭއްވިއްޖިއްޔާ، އަޅުގަނޑުމެންގެ ގައުމީ ބަތަލް، މިދިޔަ އަހަރުވެސް ދުނިޔޭގެ ނިސްބަތުން ދެވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ، އަލީ އަޝްފާގު އަދި އެ ބަތަލުގެ ގައުމީ ޓީމަށް މިއަހަރުގެ އޭއެފްސީ ޗެލެންޖު ކަމުޕުން ފުރުސަތު ގެއްލޭނެޔޭ. އަދި އޭގެ އިތުރުން ރާއްޖެއަށް އެކިއެކި ފުރުސަތުތައް ގެއްލި ދެ އަހަރު ދުވަހަށް ސަސްޕެންޑުވެގެން ދާނެ ވާހަކަ،" މަލީހު ވިދާޅުވި އެވެ.