16 Feb 2014, 23:47
ރައްޔިތުންނަށް ކުރިމަތިވެފައިވާ ގެދޮރުގެ ދަތި ކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއު މިރޭ އިފްތިތާހުކޮށްފި އެވެ.
އިސްލާމީ މަރުކަޒުގައި މިރޭ އޮތް ރަސްމިއްޔާތެއްގައި އެ މަޝްރޫއު އިފްތިތާހުކޮށްދެއްވީ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ގެދޮރުވެރިކުރުމުގެ ސިޔާސަތު ކުރިއަށް ދާނީ ރައްޔިތުންނަށް ނިކަމެތިކަމެއް ނާންނަ ގޮތަށް ކަމަށެވެ.
"... ރައީސް އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމުގެ ސިޔާސަތާ މީގެ ކުރީގައި މިމަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އަމަލުކުރައްވާފައިވާ ސިޔާސަތުތަކާ ތަފާތުތަކެއް އެބަހުރި. އެވާހަކަ އަޅުގަނޑު މިރޭ ހިއްސާކޮށްލަން ބޭނުންވޭ. ރައީސް އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމުގެ ސިޔާސަތު ބިނާވެފައި ވަނީ ދެމެހެއްޓެނިވި ސިޔާސަތެއްގެ މައްޗަށް. ދެމެހެއްޓެނިވި ސިޔާސަތެއްގެ ތެރެއިން ގެނެވޭ ތަރައްގީވެސް ވެގެންދާނީ ދެމެހެއްޓެނިވި ތަރައްގީއަކަށް. އަޅުގަނޑުމެންގެ ސިޔާސަތުގައި، މިސަރުކާރުގެ ސިޔާސަތުގައި، ގެދޮރުވެރިކުރުވުން އެއީ އެންމެ މުހިއްމު އެއް ކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ އިރުގައި އެއްވެސް ހާލެއްގައި އެސިޔާސަތުގެ ތެރެއިން ރައްޔިތުންނަށް ނިކަމެތި ކަމެއް އަންނަ ގޮތަކަށް ސަރުކާރުގެ ސިޔާސަތު ބައްޓަން ވެގެންނެއް ނުދާނެ،" ޑރ. ޖަމީލު ވިދާޅުވިއެވެ.
އަދި ވިދާޅުވީ އެސިޔާސަތު ކުރިއަށް ގެންދާނީ ރައްޔިތުން އުފުލަން ޖެހޭ ތަކުލީފު ވީހާވެސް ކުޑަވާ ގޮތަކަށް ކަމަށެވެ. އަދި ވިދާޅުވީ އެސިޔާސަތުގައި ދައުލަތަށް ގެއްލުމެއް ލިބޭ ފަދަ އެއްވެސް އަމަލެއް ނުވާ ކަމަށެވެ.
" ... އަޅުގަނޑުމެން ގެދޮރުވެރިކުރުވުމުގެ ސިޔާސަތު މިކުރިއަށް ގެންދަނީ ސަރުކާރުން އެކަމަށް ޒިންމާވާ ގޮތަށް. އަދި ދައުލަތުގެ ބަޖެޓުން އެކަމަށް ޒިންމާވާ ގޮތަށް. މީގެ ކުރިން އެމްޑީޕީން ކުރިއަށް ގެންގޮސްފައިވާ ބޯހިޔާވަހިކަމުގެ ސިޔާސަތާ ހުރި ތަފާތަކީ އެއީ. މިއަދުގެ ސަރުކާރު، ރައީސް އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމުގެ ސަރުކާރުގެ ގެދޮރުވެރިކުރުވުމުގެ ސިޔާސަތުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ތަނަކުން ބިން ވިއްކާލުމާ ރާއްޖޭގެ ރައްޔިތުންގެ މުދާ ރަހުނުކުރުމާ އަދި މުދާ ވިއްކުމެއް ހިމެނިފައެއް ނުވޭ،" ޑރ. ޖަމީލުވިދާޅުވި އެވެ.
ސަރުކާރުން މިރޭ އިފްތިތާހު ކުރި ގެދޮރުވެރިކުރުވުމުގެ މަޝްރޫއުގައި ހިމެނެނީ މާލޭގައި ފްލެޓް އިމާރާތްކުރުމާއި އަތޮޅުތަކުގައި ގެދޮރު އިމާރާތް ކުރުމަށް އިސްލާމިކް ފައިނޭންސް ސިސްޓަމެއްގެ ތެރެއިން ލޯނު ދޫކުރުމެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގައި ފްލެޓް އެޅުމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާ 1100 ފްލެޓެއްގެ މަސައްކަތް ކުރިއަށް ދެމަހެއްހާ ދުވަސްތެރޭގައި ފަށާނެ ކަމަށެވެ. އަދި ވިދާޅުވީ އަތޮޅުތަކުގައި ގެދޮރު އިމާރާތް ކުރުމަށް ދޫކުރާ ލުއިލޯނަށް ސަރުކާރުގެ ބަޖެޓުން 100 މިލިޔަން ރުފިޔާ މިއަހަރު ހަރަދުކުރާނެ ކަމަށާއި ކޮންމެ އަހަރަކު ވެސް އެކަމަށް 100 މިލިޔަން ރުފިޔާ ކަނޑައަޅާނެ ކަމަށެވެ.
ގެދޮރު އިމާރާތް ކުރުމަށް ދޫކުރާ ލޯނު މިއަހަރު ދޫކުރުމަށް ހަމަޖެހިފައި ވަނީ ކަނޑައަޅާފައިވާ ވަކި ރަށް ތަކަކަށެވެ.
ގެދޮރު އިމާރާތް ކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފޯމް ދޫކުރަން ފަށާނީ އަންނަ މަހު ދެވަނަ ދުވަހުން ފެށިގެން ކަމަށް ހައުސިން މިނިސްޓްރީ އިން ބުންޏެވެ.