ވިލިމާލޭގެ ޒުވާނުންނަށް އެމްއެންޑީއެފްގެ ފަރާތުން ސެއިލިން ސްކޫލެއް ގާއިމް ކޮށްދޭނެ ކަމަށް ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

"ޔުނިޓީ ތުރޫ ފުޓްސަލް" ޕްރޮގްރާމްގެ ދަށުން ވިލިމާލޭގައި އެޅި ފުޓްސަލް ދަނޑު ޔޫތު މިނިސްޓަރީ އާއި ހަވާލު ކުރުމަށް މިއަދު އެ އަވަށުގައި އޮތް ރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ޒުވާނުންނަށް ސަރުކާރުގެ ހުރިހާ ވުޒާރާއަކުން ވެސް ކުރެވޭނެ ކަންތައް ބަލާ އެކަންތައް ކޮށްދިނުން ކަމަށެވެ. އެގޮތުން ވިލިމާލޭގައި އެމްއެންޑީއެފްގެ ފަރާތުން އިތުރު ކަންތައްތަކެއް ކޮށްދިނުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ދިވެހިންނަކީ މޫދާއި ވަރަށް ގާތް ގުޅުމެއް ބާއްވަން ޖެހޭ ބައެއް. ސެއިލިން އަކީ އަޅުނގަޑުމެން އެންމެން ދަންނަ ކަމެއް. އިރާދަކުރެއްވިއްޔާ މިރަށުގައި ޓްރެއިނިން ސްކޫލެއް ހުޅުވާ ސެއިލިން ތައާރަފްކުރާނަން މިރަށުގައި،" މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ ވިލިމާލޭގައި އުޅޭ އަންހެން ކަނބަލުންގެ އެއް ޝަކުވާއަކީ އެތަނުގައި ބަށި ކޯޓެއް ނެތުމުގެ ޝަކުވާ ކަމަށާއި އެގޮތުން މިއަދު ވިލިމާލޭގެ އަންހެން ކަނބަލުންނަށް ބަށި ކޯޓެއް ވެސް އަޅައި ބަށި ކުޅެވޭނެ އިންތިޒާމްތައް ހަމަޖައްސައިދީފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޔުނިޓީ ތްރޫ ފުޓްސަލްގެ ދަށުން މާލޭގެ މައްޗަންގޮޅީގެ އިތުރުން ފުވައްމުލަކުގެ މިސްކިތް މަގުގެ މައިލޯ ދަނޑުގަ އާއި އަދި ކުޅުދުއްފުށީގައި ވެސް ފުޓްސަލް ދަނޑެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

"ރާއްޖޭގެ އުތުރުގައާއި ދެކުނުގައި ދެ ދަނޑު އެޅުމަށްޓަކައި ކުރިއަށްއޮތް ދެ ހަފްތާ ތެރޭގައި މަސައްކަތްފަށާނަން. އެގޮތުން ފުވައްމުލަކުގެ މިސްކިތް މަގުގެ މައިލޯ ދަނޑުގައި ސަދަންއޭރިއާއިން ދަނޑެއް އެޅުމުގެ މަސައްކަތް ފަށާއިގެން ކުރިއަށްގެންދާނަން. ކުޅުދުއްފުށީގައިވެސް ފުޓްސަލް ދަނދެއް އެޅުމުގެ މަސައްކަތް ފަށައިގެން ކުރިއަށްގެންދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.