ޖަޕާނުގެ ރަކުޓެން އިން ކޯޕަރޭޝަނުން ވައިބަރ މީޑިއާ ގަންނަން ނިންމައިފި އެވެ. ސައިޕްރަސްގެ ވައިބަރ މީޑިއާ އަކީ މިއަދު ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ އޮންލައިން ފޯން އެޕްލިކޭޝަން އެކެވެ.

ޖަޕާނުގެ ރަކުޓެން އަކީ އޮންލައިން ރީޓެއިލް ކުންފުންޏެކެވެ. އެމޭޒަން އަދި ޔާހޫ އާއި އެއްހަމައެއްގައި ވާދަ ކުރަމުން އަންނަ ބައެކެވެ. ޖަޕާނުގައި އޮންލައިން ވިޔަފާރި ކުރުމުގައި އެފަދަ ދެވަނައެއް ނެތެވެ.

މިދިޔަ ހުކުރު ދުވަހު ރަކުޓެން އިން ބުނެފައިވާ ގޮތުގައި މިހާރު މީހުން ޓީވީ އަދި ޕީސީއިން އޮންލައިންކޮށް ވިޔަފާރި ކުރުމާ ދުރުވެއްޖެ އެވެ. މޮބައިލް ވަސީލަތްތައް މިދާއިރާގައި ވެސް ކުރި ހޯދައިފި އެވެ. އަދި ވައިބަރ އަކީ މިހާރު ވެސް ދުނިޔޭގެ އެކި ހިސާބުތަކުން މުޅިއެކު 280 މިލިއަނަށް ވުރެ ގިނަ ޔޫޒަރސް އެއްކޮށްފައިވާ އެޕްލިކޭޝަނެއް ކަމުގައި ވާތީ އެމީހުންގެ ނެޓްވޯކް ބޭނުންކޮށްގެން ވިޔަފާރި އިތުރަށް ފުޅާ ކުރުމަށް ރަކުޓެން އިން ބޭނުންވެ އެވެ.

ވައިބަރ އަކީ އިންސްޓަންޓް މެސެޖްކޮށް ގޭމް ކުޅެވޭނޭ އެޕްލިކޭޝަނަކަށް ބަދަލުވެދާނޭ ކަމުގައި ރަކުޓެންގެ ރައީސް ހިރޮޝި މިކިޓާނީ ބުނެ އެވެ. މިއީ ރަކުޓެން އިން ވިޔަފާރި ކުރަމުން އަންނަ އަދި އޭގެން އެކި މުއާމަލާތު ކުރަމުން އަންނަ މީހުނަށް ކަމުދާނޭ ބަދަލެއް ކަމުގައި އޭނާ ދެކެ އެވެ. ނަމަވެސް ގޭމް ކޮންސަލްޓަންޓެއް ކަމުގައިވާ ސަރކަން ޓޯޓޯ ވަނީ މިހިޔާލާ ދެކޮޅަށް ވާހަކަދައްކައި މިކަމުގެ އުނދަގޫ ކަމަށް ވެސް އިޝާރާތްކޮށް ވާހަކަދައްކައިފަ އެވެ. ޗެޓްގެ ހިދްމަތްދޭ އެޕްތައް ގިނަވެފައި ދާއިރާގެ ވާދަވެރިކަން ބޮޑުކަމުންނެވެ.