17 Dec 2010, 19:08
ޗައިނާގެ ބޮޑުވަޒީރު ވިންޖިއާ ބާއޯ އިންޑިޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ދެގައުމުގެ ކުންފުނިތަކުގެމެދުގައި ސޯޅަ ބިލިޔަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ. މިއީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިންޑިޔާއަށްކުރެއްވި ދަތުރުފުޅުގައި އެމެރިކާއާއި އިންޑިޔާގެ ވިޔަފާރިކުންފުނިތަކުގެ މެދުގައި ސޮއިކުރި ދިހަ ބިލިޔަން ޑޮލަރުގެ އެއްބަސްވުންތަކަށްވުރެ މާބޮޑު އެއްބަސްވުންތަކެއް ކަމުން މިކަން އިންޑިޔާގެ ނޫސްތަކުން ވަނީ ފާހަގަ ކޮށްފައެވެ. ޗައިނާއާއި އިންޑިޔާ ސޮއިކުރި ފަންސާހަކަށް އެއްބަސްވުމުގެތެރޭގައި ހަކަތައާއި މުވާސަލާތާއި ދަގަނޑުގެ ބާވަތްތަކާއި ވައިން ހަކަތަ އުފެއްދުމާބެހޭ އެއްބަސްވުންތައް ހިމެނެއެވެ. އަދި ކާބޯތަކެއްޗާއި ކަނޑުދަތުރުފަތުރުގެ ޓެކްނޮލޮޖީގެ އެއްބަސްވުންތައްވެސް ހިމެނެއެވެ. ޗައިނާގެ ބޮޑުވަޒީރު ވިދާޅުވީ ޗައިނާއާއި އިންޑިޔާގުޅިގެން ވިޔަފާރި ކުރިއެރުވޭނެ އެކަށީގެންވާ ފުރުސަތުތަކެއް ދެގައުމުގައިވެސް އެބަހުރި ކަމަށާއި އިޤްތިސާދީ ގުޅުންތައް ފުޅާކުރުމުން ދެޤައުމަށްވެސް ބޮޑެތި ފައިދާ ތަކެއް ކުރާނެ ކަމުގައެވެ. - ޖަވާދު