16 Feb 2014, 17:30
ރޮސާ ޚޫތަރު، ރަޝިޔާ (16 ފެބްރުއަރީ) - އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން 14 މަސްދުވަހުގެ ސަސްޕެންޝަނަކަށް ފަހު އިންޑިއާގެ ދިދަ، ރަޝިޔާގެ ސޯޗީ އޮލިމްޕިކް ވިލެޖްގައި މިއަދު ވިހުރުވާލައިފި އެވެ.
މިއަދު މެންދުރު ރަޝިޔާގެ ސޯޗީ އޮލިމްޕިކް ވިލެޖްގައި އިންޑިއާގެ ތިންކުލަ އެކުލެވޭ ދިދަ ވިހުރުވާލާފައި މިވަނީ، ކޮރަޕްޝަނުގެ ސަބަބުން ސަސްޕެންޑު ކޮށްފައިވާ، އިންޑިއަން އޮލިމްޕިކް އެސޯސިއޭޝަން (އައިއޯއޭ) އަށް އާ އެގްޒެކެޓިވް ބޯޑެއް އެކުލަވާލިތާ ހަފްތާއެއް ފަހުންނެވެ.
އައިއޯއޭގެ އާ ރައީސް، ނަރޭނާ ރާމްޗަންދްރަން ވިދާޅުވީ، އިންޑިއާގެ އޮލިމްކް އެސޯސިއޭޝަންގެ ސަސްޕެންޝަން ވީއްލުމާ ގުޅިގެން، ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި އުފާވެރިކަމެއް ލިބިވަޑައިގެންނެވި ކަމަށެވެ.
"ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބިއްޖެ... އަޅުގަނޑު ބޭނުމެއް ނުވޭ މާޒީގައި ވެދިޔަ ކަންތައްތަކާށް ބަލާކަށް. އަޅުގަނޑު ހަމައެކަނި ބޭނުންވަނީ، މުސްތަގުބަލަށް ވިސްނަން. މިއީ އިންޑިއާގެ ކުޅިވަރުތަކަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްވަރެއް،" ރާމްޗަންދުރަން ވިދާޅުވި އެވެ.
ސޯޗީގައި މިހާރު ކުރިއަށްދާ ވިންޓާ އޮލިމްޕިކްސް 2014ގެ މުބާރާތްތަކުގައި، އިންޑިއާގެ ތިން އެތުލީޓަކު ދަނީ ވާދަކުރަމުންނެވެ. އަދި އެ އެތުލީޓުން މިމަހު ހަތެއްގައި އޮތް އޯޕަނިންގައި އިންޑިއާގެ ދިދަ ހިފައިގެން ބައިވެރިވީ ނަމަވެސް، ތިން އެތުލީޓުން ވެސް މުބާރާތްތަކުގައި ވާދަކުރަނީ، މިނިވަން އެތުލީޓުންގެ ގޮތުގަ އެވެ.
އައިއޯސީ އިން އައިއޯއޭގެ މައްޗަށް ކޮށްފައިވާ ސަސްޕެންޝަން ވީއްލުމުގެ ކުރިން، މިފަހަރުގެ އޮލިމްޕިކްސްގައި ވާދަކޮށްފައިވާ، އިންޑިއާގެ ލޫގާ އެތުލީޓު ޝިވާ ކޭޝަވަން ބުނީ، މިހާރު މިވަނީ، "ރަމްޒީ ގޮތުން ބަދަލުތަކެއް އައިސްފައި. ދެން ބަލަންވީ، ހަގީގީ ބަދަލަކީ ކޮބައިތޯ" ކަމަށެވެ.
ދުނިޔޭގެ އޮލިމްޕިކް ކޮމިޓީން، އިންޑިއާގެ އޮލިމްޕިކް އެސޯސިއޭޝަން ސަސްޕެންޑް ކުރީ، އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ބޯޑަށް ކޮރަޕްޝަނުން ފަސްބައި ފޯވެފައިވާ މެންބަރަކު އިންތިހާބުކުރުމާ ގުޅިގެންނެވެ.