16 Feb 2014, 16:11
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ އަށް ތޫނުއެއްޗަކުން ހަމަލާދިން މައްސަލައިގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީ އަށް ދިނުމަށް ފުލުހުން އިންކާރުކޮށްފި އެވެ.
އަލްހާނަށް ހަމަލާދިން މައްސަލައާ ބެހޭގޮތުން އިމްތިޔާޒު ކޮމެޓީން ބޭނުންވާ މައުލޫމާތުތައް ސާފުކުރުމަށް މިއަދު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވާން ފުލުހުންނަށް އެންގިނަމަވެސް ފުލުހުން ހާޒިރުވެފައެއް ނުވެއެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އިމްތިޔާޒު ކޮމެޓީގެ ނާއިބް މުގައްރިރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ކޮމެޓީއަށް ހާޒިރުނުވި ސަބަބު ބަޔާންކޮށް ފުލުހުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
ފުލުހުން ފޮނުވި ސިޓީގައި މާރާމާރީ ހިންގުމާއި ޖިސްމާނީގޮތުން މީހުންނަށް އަނިޔާދޭ މައްސަލަތަކުގެ ތަހުގީގާ ގުޅޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ހިއްސާކުރެވެން ނެތް ކަމަށް ބުނެފައިވާ ކަމަށް އިންތި ވިދާޅުވި އެވެ.
އިންތި ވިދާޅުވީ މިއަދު މަޖިލީހަށް ހާޒިރުނުވި ނަމަވެސް އަލްހާނަށް ހަމަލާދިން މައްސަލައިގެ ތަހުގީގާ ގުޅިގެން މަޖިލީހުން ސާފުކުރަން ބޭނުންވާ މައުލޫމާތު ބަޔާންކޮށް ސިޓީއަކުން އެދުމުން ހިއްސާކުރެވެން ހުރި މައުލޫމާތުތައް ހިއްސާ ކުރާނެ ކަމަށް ފުލުހުންގެ ސިޓީގައި ބުނެފައިވާ ކަމަށެވެ.
އަލްހާނަށް ހަމަލާދިން މައްސަލައިގެ ތުހުމަތުގައި މިހާތަނަށް ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ ޏ. ފުވައްމުލަކު ދަޑިމަގު ޝައިނީ މުހައްމަދު ސިމާހު އާއި ސ. ހިތަދޫ އުލްފާމަންޒިލް މުހައްމަދު ނަސީމެވެ. ކްރިމިނަލް ކޯޓުން ވަނީ އެ ދެ މީހުންގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފަ އެވެ.