16 Feb 2014, 15:33
ސްކޫލު ނިންމާ ކުދިންނަކީ މީޑިއާ އަށް އަހުލުވެރި ބަޔަކަށް ހެދުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް މީޑިއާ ކްލަބެއް އުފައްދައިފި އެވެ.
އެމްއެމްސީގެ މެންބަރުން މިދިޔަ ބަންދު ތެރޭގައި ބ. ދަރަވަންދުއަށް ކުރި ދަތުރުގައި "ބ. އަތޮޅު މަދަރުސާގެ މީޑިއާ ކްލަބް"ގެ ނަމުގައި މީޑިއާ ކްލަބެއް އުފައްދާފައި ވަނީ ދަރަވަންދޫގައި ހުންނަ އެ އަތޮޅު މަދަރުސާގައި މިދިޔަ ހުކުރު ދުވަހު އެވެ.
އެމްއެމްސީ އިން ބުނީ އެފަދަ ކްލަބެއް އުފެއްދުމުގެ މަގްސަދަކީ ސްކޫލް ނިންމާ ކުދިންނަކީ މީޑިއާ އަށް އަހުލުވެރި ބަޔަކަށް ހަދައި މީޑިއާ އާ ގުޅުހުން ހުރި ދާއިރާތަކަށް ދަރިވަރުން ޝައުގުވެރިކަން އިތުރު ކުރުވުން ކަމަށެވެ.
"ކްލަބް އުފެއްދުމުގެ މައިނގަޑު މަގްސަދުތަކުގެ ތެރޭގައި، ސްކޫލުގައި ވެށީގައި މީޑިއާ ކުރިއަރުވައި އަމަލީ ގޮތުން ހަރަކާތްތައް ހިންގުމާއި ސްކޫލުގައި މީޑިއާ ފޯކަލް ޕޮއިންޓްތައް އެ ކްލަބުގެ ސަބަބުން އުފެއްދުން. އަދި ސްކޫލުތަކުގެ މީޑިއާ ކްލަބްތަކުގެ މެދުގައި ގުޅުން ބަހިކުރުން ހިމެނޭ،" އެ ކައުންސިލުން ބުނެފައިވެ އެވެ.
އެމްއެމްސީ އިން ވަނީ އެ ކްލަބް އުފެއްދުމުގެ ޕްރޮގްރާމްގެ ތެރެއިން އޮނިގަނޑު އެކުލަވާލުމާއި އެ އޮނިގަނޑުގެ މަގާމުތަކަށާއި އާއްމު މެންބަރުންނަށްވާން ބޭނުންވާ ދަރިވަރުން ފާހަގަކޮށް ދަރިވަރުން އައްޔަން ވެސްކޮށްފަ އެވެ. އޭގެ އިތުރުން އެ ކްލަބް ހިންގާނެ އިސް މުދައްރިސެއް ވެސް އައްޔަންކޮށްފައިވާ ކަމަށް އެމްއެމްސީން މައުލޫމާތުދެ އެވެ.
ސިޔާސީ އެކިއެކި ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ނޫސްވެރިންނާ ދެމެދު ގާތް ގުޅުމެއް އުފެއްދުމަށް ޓަކައި "ޕްރެސް ކްލަބް"އެއް އުފެއްދުމުގެ މަސައްކަތް ވެސް މީޑިއާ ކައުންސިލުން ވަނީ މިދިޔަ މަހުގެ ތެރޭގައި ފަށައިފަ އެވެ.
އެ ކްލަބްގެ ސަބަބުން ރާއްޖޭގެ ނޫސްވެރިން އެންމެން އެއް ތަނަކަށް ޖަމާވެ ހިޔާލު ބަދަލު ކުރުމުގެ ފުރުސަތު ލިބި، މީޑިއާތަކަށް ދިމާވެފައިވާ މައްސަލަތަކާއި އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް އިތުރަށް ފަސޭހަ ވެގެން ދާނެ ކަމަށް މީޑިއާ ކައުންސިލުން މައުލޫމާދުދެ އެވެ.