16 Feb 2014, 15:31
އުމުރުން 18 އަހަރުގެ ޒަހަބް މިސްރު ފުލުހުންގެ އަތްދަށަށް ދިޔައީ މިދިޔަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ގާހިރާގައި ކުރި މުޒާހަރާއަކާ ގުޅިގެންނެވެ. ޒަހަބް ބުނެފައިވާ ގޮތުގައި އޭނާ އެ މުޒާހަރާއެއްގައި ބައިވެރިއެއް ނުވެ އެވެ.
ބަނޑަށް އަށް މަސް ވެފައި ވަނިކޮށް މިސްރު ފުލުހުން ހައްޔަރު ކުރި ޒަހަބް މިނިވަން ނުކޮށް ވަނިކޮށް އޭނާ ވަނީ ވިހައިފަ އެވެ. މެދުއިރުމަތީގެ ހާލަތު ބަލައި ދިރާސާ ކުރާ ޖަމާއަތެއް ކަމަށްވާ މިޑުލް އީސްޓް އިންސްޓްޓިއުޓް އިން ހިންގާ މިޑުލް އީސްޓް މޮނިޓަރ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ޒަހަބު ބުނެފައި ވަނީ އޭނާ ހައްޔަރުކުރީ މެޑިކަލް ޗެކަޕެއް ހަދަން ހޮސްޕިޓަލަށް ދަނިކޮށް ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ކަމަށެވެ.
ވިހަން ތައްޔާރުވެފައި އިން ޒަހަބް ދޫނުކޮށް ހިފެހެއްޓުމަށް ޓަކައި މިސްރު ފުލުހުން ވަނީ އޭނާގެ ބަންދުގެ މުއްދަތު ތިން ފަހަރު އިތުރުކޮށްފަ އެވެ. އޭނާގެ މައްޗަށް އެ މީހުން ކުރާ ހަމައެކަނި ތުހުމަތަކީ މުޒާހަރާއެއްގައި ބައިވެރިވުން ކަމަށް ވިޔަސް އޭނާ ވިހޭ އިރު ވެސް އޮތީ ހޮސްޕިޓަލުގެ އެނދާ އެކު ބިޑިއަޅުވާފަ އެވެ.
މިޑުލް އީސްޓް މޮނިޓަރ އަށް ދިން އިންޓަވިއުގައި ޒަހަބް ބުނެފައި ވަނީ އޭނާ އަނބުރައި ޖަލަށް ނުގެންދިއުމަށް މިސްރުގެ ވެރިންގެ ކިބައިން އެދޭ ކަމަށެވެ.
"ފުލުހުންގެ ޑިޓެންޝަން ސެންޓަރަށް އަހަރެންގެ ދަރިފުޅާ އެކު ދާން ނުޖެހޭނެ ކަމަށް އަހަރެން އުއްމީދުކުރަން. އެތާނގައި ސިއްހީ ފަރުވާ ލިބޭކަށް ނުހުރޭ،" ޒަހަބް ބުނެފައި ވެއެވެ.
މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށް ފަހު އެގައުމުގެ ސިފައިން ގެންދަނީ މުރުސީގެ ސަޕޯޓަރުންނާ މެދު ވަރަށް އިހާނެތިކޮށް ކަންތައް ކުރަމުންނެވެ. އެގޮތުން މުޒާހަރާތައް ރޫޅާލުމުގައި މީހުން މެރުމާއި ކަމާ ނުބެހޭ އެތައް ބަޔަކު ހައްޔަރުކުރުމަކީ ބަޣާވާތުގެ ފަހުން މިސްރުގައި އާއްމު ކަމެކެވެ.