16 Feb 2014, 15:28
އިތުރުގަޑީގެ ފައިސާ ނުދޭތީ އިހްތިޖާޖު ކުރުމުން ކްރިމިނަލް ކޯޓުގެ 12 ވަރަކަށް މުވައްޒަފުން ސަސްޕެންޑު ކުރި މައްސަލަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބަލަން ފަށައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޑީޖޭއޭގެ މީޑިއާ ޔުނިޓުގެ އިސް އޮފިޝަލަކު ވިދާޅުވީ ކްރިމިނަލް ކޯޓުގެ މުވައްޒަފުންތަކެއް ސަސްޕެންޑު ކުރި މައްސަލަ ބަލަމުން އަންނަ ކަމަށާއި މިވަގުތު އިތުރު ތަފްސީލް ދެވެން ނެތް ކަމަށެވެ.
"އަޅުގަނޑުމެން މި އަންނަނީ އެ މައްސަލަ ބަލަމުން. މައްސަލަ ބަލަމުން އަންނާތީ އެކަމާ ގުޅޭ އިތުރު ތަފްސީލް މިވަގުތު ދެވެން ނެތް،" އޮފިޝަލް ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުން ސަސްޕެންޑް ކޮށްފައިވަނީ އިތުރު ގަޑީގެ ފައިސާ ދެވެން ނެތް ކަމަށް ކޯޓުން ބުނުމުން އިތުރުގަޑީގައި މަސައްކަތް ނުކޮށް މިދިޔަ ހޯމަ ދުވަހު ގެއަށް ދިޔަ މުވައްޒަފުންތަކެކެވެ.
އިތުގަޑީގެ ފައިސާ ދެވެން ނެތްކަމަށް ކްރިމިނަލް ކޯޓުން އަންގާފައި ވަނީ އެކަމަށް ދީފައިވާ ބަޖެޓުގައި އެކަށީގެންވާ ވަރަށް ފައިސާ ނެތުމުންނެވެ.
އިތުރުގަޑީގެ ފައިސާ ދެވެން ނެތުމުން ކްރިމިނަލް ކޯޓުގެ އިތުރުން ސިވިލް ކޯޓުގައި ވެސް އިތުގަޑީގެ މަސައްކަތް މިހާރު ނުކުރެ އެވެ.