16 Feb 2014, 14:59
ޗެމްޕިއަންސް ލީގްގައި ބާސެލޯނާ ދެކޮޅަށް ކުޅެން ޖެހޭ މެޗުގައި ކުޅުމަކީ އުނދަގޫ ކަމެއް ކަމަށާއި އެ މެޗުގައި "ހަގީގަތުގައި" ކުޅެން ބޭނުން ނުވާ ކަމަށް އައިވަރީކޯސްޓްގެ މިޑްފީލްޑަރު އަދި ބާސެލޯނާގެ ކުރީގެ ކުޅުންތެރިޔާ ޔާޔާ ޓޫރޭ ބުނެފި އެވެ.
ޔޫއެފާ ޑޮޓް ކޮމް އަށް ދިން އިންޓަވިއުއެއްގައި ބާސެލޯނާ އަށް ކުޅުމަށްފަހު މެންޗެސްޓާ ސިޓީ އަށް ބަދަލުވި އުމުރުން 30 އަހަރުގެ ޔާޔާ ޓޫރޭ ބުނެފައި ވަނީ ބާސެލޯނާ އަށް ކުޅުނު ތިން އަހަރުގައި އޭނާއަށް ވަރަށް ބައިވެރި އެއްޗެހިތަކެއް ދަސްވެ ސަޕޯޓަރުން ލޯތްބާއި އިހްތިރާމް ލިބިފައިވާ ކަމަށެވެ.
"ބާސެލޯނާ އާއި ދެކޮޅަށް ކުޅެން އުދަނގުލީ ބާސެލޯނާއާ ދެކޮޅަށް ހަގީގަތުގައި ކުޅެން ބޭނުން ނުވާތީ. އަހަރެން ބާސެލޯނާއަށް ވަރަށް އިހުތިރާމް ކުރަން. އެ ކްލަބުން ވަރަށް ބައިވަރު އެއްޗެހިތަކެއް ދަސްވި އަދި އެ ކްލަބަކީ އަހަންނަށް އެހީވި ވަރަށް ބައިވަރު ރައްޓެހިންތިބި ކްލަބެއް،" ބީބީސީ އިން މިދިޔަ އަހަރު ހޮވި އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޓޫރޭ ބުނެފައިވެ އެވެ.
ޗެމްޕިއަންސް ލީގްގެ ރައުންޑް އޮފް 16 ގައި ސިޓީގެ ދަނޑުގައި ބާސާ އާއި ދެކޮޅަށް މި ހަފްތާގެ އަންގާރަ ދުވަހު ކުޅެން ހަމަޖެހިފައިވާއިރު މެޗަކީ ބާސާ އާއި ދެކޮޅަށް މެންޗެސްޓާ ސިޓީގެ ޖާޒީގައި ޓޫރޭ ކުޅޭ ފުރަތަމަ މެޗެވެ.
ނަމަވެސް މެންޗެސްޓާ ސިޓީ އާއި ގުޅުމަށްފަހު އިތުރަށް އޭނާގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހުޅުވިގެން ގޮސްފައިވާ ކަމަށާއި އިނގިރޭސި ލީގްގައި އޭނާ ކުޅޭ ހިތްވާ ކަމަށް ވެސް ޔާޔާ ޓޫރޭ ބުނެފައިވެ އެވެ.
"މިހާރު ޑިފެންސަށް ވެސް އަދި އެޓޭކްގައި ވެސް ބައިވެރިވެވޭ. ބާސެލޯނާއަށް ކުޅުނުއިރު ކުޅެންޖެހޭނީ ވަކި ތަނަކަށް. އިނގިރޭސި ލީގަކީ ހުޅުވިފައި އޮތް ލީގެއް ކަމުން އަހަރެން އެ ލީގަށް ވަރަށް ކުޅޭ ހިތްވޭ،" ކޮންފެޑަރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ސީއޭއެފް) އިން ހޮވާ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ޖެހިޖެހިގެން ތިން ފަހަރު ހޯދާފައިވާ ޓޫރޭ ބުންޏެވެ.