އަންހެނަކަށް އަނިޔާ ކުރަމުންދިޔަ ބިދޭސީއަކު ހުޅުމާލެއިން ހައްޔަރުކޮށްފި އެވެ.


ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މިރޭ 7:30 އެހާކަންހާއިރު މި ހާދިސާ ހިނގާފައި ވަނީ ހުޅުމާލޭ ބޯޅަދަނޑު ކައިރިން ކަމަށެވެ. 


"އަންހެނަކު ރޯ އަޑު އިވިގެން ފުލުހުން އެ ސަރަހައްދަށް ދިޔައީ. ދިޔައިރު އެތަނުން ބިދޭސީއަކު ފިލަން ދުވަނީ،" ޝިޔާމް ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ މި ހާދިސާއާ ގުޅިގެން މިރޭ ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ ހާދިސާގައި އަންހެން މީހާއަށް އަނިޔާކޮށްފައި ވަނީ އަތުން ކަމަށެވެ. އަނިޔާ ކުރުމުގެ ސަބަބުން އޭނާގެ ކަރަށާއި ހަށިގަނޑުގެ އެކިތަންތަނަށް ކުދި ކުދި ޒަހަމްތައް ލިބިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.


އެ އަންހެންމީހާއަށް އަނިޔާކޮށްފައި ވަނީ ދެމީހަކު އެކުވެގެން ކަމަށް މިހާތަނަށް ބެލިވިފައިވާ ކަމަށާއި މި ހާދިސާ ތަހުގީގް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.


އުމުރުން 34 އަހަރުގެ އަންހެން މީހާ މިވަގުތު އޮތީ ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލުގަ އެވެ.