ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ފަރާތުން ހުޅުހެންވޭރު ދާއިރާ އަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް ޑރ. މުހައްމަދު އިޔާޟުގެ ކެމްޕޭނަށް ހުރަސް އަޅާ ކަމަށް ބުނެ އެ ޕާޓީން ޝަކުވާ އުފުލައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ފުލުހުންނަށް އަދާލަތުން އިއްޔެ ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ޑރ. އިޔާޟަށް ކެމްޕޭނު ކުރުމަށް ދަމާފައިވާ ބެނާތައް (ބަޔަކު) ކަނޑަމުންދާ ކަމަށެވެ. އަދި ޑރ. އިޔާޟުގެ ކެމްޕޭން ޕޯސްޓަރުތައް މަތީގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ ދެ ކެންޑިޑޭޓެއްގެ ޕޯސްޓަރު ހިއްޕަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

"... މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިވާ ޑރ. އިޔާޟުގެ ކެމްޕޭން ބެނާތައް ކަނޑައި، ތަތްކޮށްފައިވާ ޕޯސްޓަރުތައް މަތީގައި އެމްޑީޕީ އަށް ނިސްބަތްވާ ދެކެންޑިޑޭޓެއްގެ ޕޯސްޓަރުތައް ހިއްޕައި ގެއްލުންތައް ދެމުން އެބަގެންދެ އެވެ،" އަދާލަތުން ފޮނުވި ޝަކުވާގެ ސިޓީގައިވެ އެވެ.

އަދާލަތުގެ ސިޓީގައި އަދި ބުނެފައި ވަނީ އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގަވައިދުގައި މަނާކަމެއް ކަމަށާއި އެކަން ހުއްޓުވައި، ފިޔަވަޅު އަޅައިދިނުން އެދޭ ކަމަށެވެ.

"...ވީމާ ޢަދާލަތު ޕާޓީގެ ކެންޑިޑޭޓުގެ ކެމްޕޭނަށް ހުރަސް އަޅައި ކެންޑިޑޭޓުގެ އިންތިހާބީ ހައްގުތަކަށް އަރައިގަނެ، ގެއްލުންތައް ދެމުންދާތީ އެކަން ހުއްޓުވައި، މައްސަލަ ބަލައި، ފިޔަވަޅު އަޅުއްވައިދެއްވުމަށް ދަންނަވަމެވެ،" އަދާލަތުން އީސީއަށާއި ފުލުހުންނަށް ފޮނުވި ސިޓީގައިވެ އެވެ.

އަދާލަތުން ވަނީ އީސީއަށާއި ފުލުހުންނަށް ފޮނުވި ސިޓީގެ އިތުރުން އެ މައްސަލައިގައި ނޫސްބަޔާނެއް ވެސް ނެރެފަ އެވެ.