ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރިމަތިލައްވާފައިވާ އެއްވެސް ބޭފުޅަކަށް ދެން ނަން އަނބުރާ ނުގެންދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރު ޖެނަރަލް މުހައްމަދު ޝަކީލް މިއަދު ވިދާޅުވީ އިންތިހާބްތަކާ ބެހޭ ގަވާއިދުގެ ދަށުން އިންތިހާބެއްގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ނިމުމަށް ފަހު އެއްވެސް ކެންޑިޑޭޓަކަށް އެ ކެންޑިޑޭޓެއްގެ ނަން އަނބުރާ ނުގެންދެވޭނެ ކަމަށެވެ.

"އެއްވެސް ކެންޑިޑޭޓަކު ނަން އަނބުރާ ގެންދަވަން ބޭނުންފުޅުވި ނަމަވެސް ކޮމިޝަނަކަށް ނޯންނާނެ އެ ފުރުސަތު ދެވޭކަށް،" ޝަކީލް ވިދާޅުވި އެވެ.

ޝަކީލް ވިދާޅުވީ ނަންތައް ތަރުތީބުކޮށްފައިވާ 304 ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ބޭފުޅަކު ނަން ގެންދެވި ނަމަވެސް އެ ބޭފުޅެއްގެ ނަން ވޯޓް ކަރުދާހުގައި ކެންޑިޑޭޓް ނަމްބަރު ތަރުތީބުން ޖަހާފައި އޮންނާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިއުލާން ކުރާނެ ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.

އަންނަ މާޗް މަހުގެ 22 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް އަމިއްލަ ގޮތުންނާއި ޕާޓީތަކުން ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން ހަތް ކެންޑިޑޭޓެއްގެ ނަން ވަނީ އަނބުރާ ގެންގޮސްފަ އެވެ.