މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު ކުށް ކުރާ ކުޑަކުދިންގެ ތެރެއިން ފިރިހެން ކުދިންގެ ގިނައީ މަސްތުވާތަކި އަތުގައި ބެހެއްޓުމާއި މާރާމާރީ އާއި ވައްކަމުގެ މައްސަލަތައް ކަމާއި އަންހެން ކުދިންގެ އެންމެ ގިނައީ ބަދުއަހުލާގީ މައްސަލަތައް ކަމަށް ދައްކައިފި އެވެ.

ޖުވެނައިލް ޖަސްޓިސް ޔުނިޓުން މިއަދު އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ ތަފާތު އެކި ކުށްތަކުގައި މިދިޔަ އަހަރު 588 ކުއްޖަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އެންމެ ގިނައިން ކުޑަކުދިންގެ ތެރެއިން ކުށް ކުރަނީ 17 އަހަރުގެ ކުދިން ކަމަށެވެ.

"ކުށުގެ ބާވަތަށް ބަލާ އިރު އަންހެން ކުދިން ހިމެނޭ މައްސަލަތަކުގައި އެންމެ ގިނައިން ފާހަގަ ކުރެވެނީ ބަދުއަހުލާގީ މައްސަލަތައް. ޔުނިޓުގެ ތަފާސް ހިސާބުތަކުން ވެއެތުވެ ދިޔަ ތިން އަހަރުގައި ވެސް ފާހަގަ ކުރެވެނީ މިފަދަ ގޮތަކަށް،" އެ ރިޕޯޓުގައިވެ އެވެ. "ފިރިހެން ކުދިންނަށް ބަލާ އިރު އެންމެ ގިނައީ މަސްތުވާތަކެތި އަތުގައި ބެހެއްޓުމާއި މާރާމާރީ އާއި ވައްކަމުގެ މައްސަލަތައް."

އެ ރިޕޯޓުގައި ބުނެފައި ޖުމްލަ ގޮތެއްގައި ބަލާއިރު އެންމެ ގިނަ ކުދިން ބައިވެރިވާ ކުށަކީ މަސްތުވާތަކެތި އަތުގައި ބެހެއްޓުމުގެ ކުށުގައި ކަމަށެވެ.

"ކުދިން ކުރާ ކުށްތަކަށް ބަލާ އިރު އެންމެ ގިނަ އަދަދެއްގެ ކުދިން ބައިވެރިވެފައި ވަނީ މަސްތުވާތަކެތި އަތުގައި ބެހެއްޓުމުގެ ކުށުގައި. މި ކުދިން މަސްތުވާތަކެތި އަތުގައި ބަހައްޓަނީ ވިޔަފާރި ކުރުމުގެ ބޭނުމުގައި ކަމަށް ގަބޫލު ކުރެވޭ،" އެ ރިޕޯޓުގައިވެ އެވެ.

އެއް ތަނުން އަނެއް ތަނަށް މަސްތުވާތަކެތި ގެންދިޔުމުގަ އާއި ވިޔަފާރި ކުރުވުމުގައި ބޮޑެތި މީހުން ކުޑަކުދިންގެ ފައިދާ ނާޖާއިޒު ގޮތުގައި ހޯދާ ކަމަށާއި އެގޮތަށް ހަދަނީ ކުޑަކުދިންނަށް ޖިނާއީ އަދަބެއް ނުލިބޭނެ ކަމަށް ބަލާފައި ކަމަށާއި ނަމަވެސް ކުޑަކުދިން ކުށް ކުރި ނަމަވެސް އެ ކުދިންނަށް ވެސް އަދަބު ލިބޭނެ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

ކުޑަކުދިން ކުށުގެ މާހައުލުގެ ތެރެއަށް ދުރު ކުރުމުގައި މައިންބަފައިންނާއި މުޖްތަމައުގެ ޒިންމާ ވަރަށް ބޮޑު ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.

"ކުދިން ކުށުން ދުރު ކުރުމުގައި މައިންބަފައިންނާއި މުޖްތަމައުގެ ޒިންމާ ބޮޑު ކަމުގައި ފާހަގަ ކުރެވޭ. މައިންބަފައިންގެ ކޮންޓްރޯލުން ކުދިން ވީއްލައިގެން ނުދާނެ ގޮތަކަށް ކުދިންގެ ކަންތައްތައް ހަމަޖެއްސުން މުހިންމު. ހަމައެއާ އެކު ކުޑަކުދިންގެ ނާޖާއިޒު ފައިދާ ނަގަމުންދާ ބޮޑެތި މީހުންނާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަކީ ކުށް ކުރުމުން ކުޑަކުދިން އެއްކިބާ ކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް،" އެ ރިޕޯޓުގައިވެ އެވެ.