އާމްދަނީއެއް ލިބި ގައުމަށް ފައިދާއެއްވާ ނަމަ އެއްވެސް މަސައްކަތަކީ ހަޑި މަސައްކަތެއް ނޫން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދަޅުވެއްޖެ އެވެ.

ޒުވާނުންނަށް ހާއްސަކޮށް "ބްލޫސް ފޯ ޔޫތު"ގެ ނަމުގައި ފުލުހުން މިއަދު ފޭދޫފިނޮޅުގައި ފެއްޓި ދެ ހަފްތާގެ ތަމްރީން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ފައިސާ ހޯދުމަށް މީސްމީހުންގެ ކައިރީގައި ސަލާން ޖަހަން ނުޖެހޭ ކަމަށާއި ރާއްޖޭގައި އުޅޭ ބިދޭސީން ސައިކަލް ސާފުކޮށްގެން ހޯދާ ފައިސާއަކީ ވެސް އާމްދަނީއެއް ހޯދުމަށް ޒުވާނުން ވެސް ކުރަން ހަމަ ރަނގަޅު މަސައްކަތެއް ކަމަށެވެ.

"އެހެންވީމާ އާމްދަނީއެއް ލިބި ގައުމަށް އޭގެ ފައިދާއެއް ލިބިގެންދާ ނަމަ އެއްވެސް މަސައްކަތަކީ އެއީ ހަޑި މަސައްކަތެއް ނޫން،" އުމަރު ވިދާޅުވިއެވެ.

އުމަރު އިތުރަށް ވިދާޅުވީ ދިވެހި ކާބަފައިން ވެސް ބިދޭސީންގެ އެހީއާ ނުލައި އާމްދަނީ ހޯދުމަށްޓަކައި "ގާޑިޔާ ދަމައި ގޮނޑު ސާފުކުރުން" ފަދަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ވަކި މަސައްކަތެއް ލިބޭންދެން ނުތިބެ ކޮންމެ ޒުވާނަކު ވެސް ގައުމަށް ފައިދާވާ ފަދަ ކޮންމެވެސް މަސައްކަތަކާއިގެން ނުކުތުމަށް އުމަރު ގޮވާލެއްވި އެވެ.