ލިއޮނަލް މެސީ ޖަހައިދިން ދެ ލަނޑާއެކު، ރަޔޯ ވަޔެކާނޯ އަތުން 6-0ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ، ބާސެލޯނާ ސްޕެނިޝް ލީގުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފި އެވެ.

ތާވަލުގެ އެއްވަނައިގައި 60 ޕޮއިންޓާއެކު ބާސާ އޮތްއިރު ހަމަ އެއަދަދަށް ޕޮއިންޓް ހޯދައިގެން އެތުލެޓިކޯ މެޑްރިޑް އޮތީ ދެވަނައިގަ އެވެ. އަދި އެ ދެޓީމަށް ވުރެ އެއް މެޗު މަދުން ކުޅެ 57 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި އޮތީ، ރެއާލް މެޑްރިޑް އެވެ. އެހެން ކަމުން، މިރޭ ގެޓާފޭއާ ދެކޮޅަށް ކުޅޭ މެޗުން ރެއާލް މޮޅުވެއްޖެ ނަމަ ތާވަލުގެ ކުރީގައި އޮތް ވާދަވެރި ދެޓީމާ އަރާ ހަމަކުރުމުގެ ފުރުސަތު ރެއާލްއަށް ވެސް އެބަ އޮތެވެ.

ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު ފޯރިގަދަ ލަލީގާ މެޗު ފެށިގެން ދެވަނަ މިނިޓުގައި އެޓީމަށް ކުރި ހޯދައިދިނީ، އެޑްރިއާނޯ އެވެ. އަދި ދެވަނަ ލަނޑު މެޗުގެ 37 ވަނަ މިނިޓުގައި ޖަހައިދިނީ، މެސީ އެވެ.

ދެވަނަ ހާފުގެ ކުޅުން 2-0ގެ ލީޑަކާއެކު ފެށި، ބާސާއަށް އެޓީމުގެ ތިން ވަނަ ލަނޑު 53 ވަނަ މިނިޓުގައި ޖަހައިދިނީ، އެލެކްސް ސަންޗޭޒް އެވެ. އޭގެ ތިން މިނިޓު ފަހުން، ޕެޑްރޯ ލަނޑެއް ޖަހައި، ނަތީޖާ 4-0 އަށް ބަދަލުކޮށްފައިވަނިކޮށް ބާސާގެ ފަސްވަނަ ލަނޑު އަދި މެސީ މި މެޗުގައި ޖެހި ދެވަނަ ލަނޑު އޭނާ ކާމިޔާބުކުރީ 68 ވަނަ މިނިޓުގަ އެވެ.

ރޭގެ މެޗުގައި ބާސާއިން ކާމިޔާބުކުރި ހަވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް އެޓީމަށް ކާމިޔާބުކޮށްދިނީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި، ބްރެޒިލް ފޯވާޑް ނޭމާ އެވެ.

އަނިޔާގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށްފަހު، އަލުން ކުޅެން ފެށިފަހުން، މެސީ ވަނީ އޭނާ އެންމެ ފަހުން ކުޅުނު ލީގު ތިން މެޗުގައި ފަސް ލަނޑު ޖަހައިފަ އެވެ. އަދި ލަލީގާ ގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ރެއާލް މެޑްރިޑްގެ ކުރީގެ ތަރި ރައުލް 550 މެޗު ކުޅެގެން ޖަހާފައިވާ 228 ލަނޑުގެ އަދަދު މެސީ ހަމަކޮށްފައި މިވަނީ، 263 މެޗު ކުޅެގެންނެވެ.

ސްޕެނިޝް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި، ޓެލްމޯ ޒަރާ، 251 ލަނޑު ހަމަކުރީ، 277 މެޗު ކުޅެގެންނެވެ. އެހެން ކަމުން އެ ރެކޯޑު މުގުރާ ލުމުގެ ފުރުސަތު ވެސް މެސީއަށް އަދި އެބައޮތެވެ.

ލަލީގާ ގައި އިއްޔެ ރެއާލް ވަލަޑޮލިޑް އަތުން އެތުލެޓިކޯ މެޑްރިޑް މޮޅުވީ، 3-0ގެ ނަތީޖާއަކުން ނެވެ. އަލްމެރިއާ އަތުން 1-0 އިން ލެވެންޓޭ މޮޅުވިއިރު، ވިލަރެއާލް ވަނީ، އަމިއްލަ ދަނޑުގައި 2-0 އިން ސެލްޓާވިގޯ އަތުން ބަލިވެފަ އެވެ.