ސިވިލް ކޯޓުގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދަށް ރިޝްވަތުދޭން އުޅުނު މައްސަލަ ތަހުގީގު ކުރައްވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ލުތުފީ ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމާ ބެހޭ ގާނޫނު ބުނާގޮތުން ރިޝްވަތުދޭން އުޅުމަކީ ވެސް ކުށެއް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިޝްވަތު ނުދިންކަމުގައި ވިޔަސް ދޭން ބުނުމަކީ ވެސް ކުށެއް. އެހެންވީމަ އަޅުގަނޑުމެން އެ މައްސަލަ ބާލަނަން،" ލުތިފީ ވިދާޅުވި އެވެ.

ޓީވީއެމްގެ ހޭޔަންބޯ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ގާޒީ ޝުޖޫން ވިދާޅުވީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް ވަކިގޮތަކަށް ނިންމައި ދިނުމަށް އެދި މީހަކު އޭނާ އަށް ފަސް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ހުށަހެޅި ކަމަށެވެ.

ރިޝްވަތު ހުށަހެޅުމުން ހިތްޕުޅު ހަމަޖެހިވަޑައިގެ ނުގެން، އެމީހާއާ ދިމާއަށް އަޑުގަދަކުރެއްވުމުން އެމީހާ އެނބުރި ގޮސްފައިވާ ކަމަށް ވެސް ޝުޖޫން ވަނީ ވިދާޅުވެފަ އެވެ.

ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމާ ބެހޭ ގާނޫނު ބުނާގޮތުން ފަނޑިޔާރަކަށް ރިޝްވަތު ދޭން އުޅުނު މީހެއްގެ އަދަބަކީ ގިނަ ވެގެން 10 އަހަރަށް ޖަލަށްލުން ނުވަތަ އަރުވާލު މެވެ.