"ޔުނިޓީ ތްރޫ ފުޓްސަލް" ޕްރޮގްރާމްގެ ދަށުން، ވިލިމާލޭގައި ހަދާފައިވާ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވުމުގެ ގޮތުން މިރޭ، އެމްއެންޑީއެފްގެ އޮފިސަރުންގެ ޓީމަކާއި ރައީސުލްޖުމްހޫރިއްޔާގެ ޓީމަކާ ދެމެދު ކުޅެވޭ ހާއްސަ ފުޓްސަލް މެޗުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުޅުއްވާނެ އެވެ.

އެސްޓީއޯ އާއި ޔޫތު މިނިސްޓްރީ އާއި އެމްއެންޑީއެފްއާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން "ޔުނިޓީ ތްރޫ ފުޓްސަލް" ޕްރޮގްރާމްގެ ދަށުން، ވިލިމާލޭގައި ބިނާކުރި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައި ޔޫތު މިނިސްޓްރީއާ ހަވާލުކުރުމުގެ ރަސްމިއްޔާތު އޮންނާނީ، މިރޭ 9:00ގައި ވިލިމާލޭ ފުޓްސަލް ދަނޑުގަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު، އިބްރާހީމް މުއާޒު އަލީ މިއަދު "ސަން" އަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މިރޭގެ އެ މެޗުގައި ބައިވެރިވެވަޑައިގަތުމުން، އެމަނިކުފާނު ޒުވާނުންނަށް ދެއްވާ އަހައްމިއްޔަތާއި ގާތްކަން ހާމަވެގެން ދާކަމަށެވެ.

"މީގެ އެންމެ ބޮޑު މަގުސަދަކީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެމަނިކުފާނުގެ މެނިފެސްޓޯގައިވާ ފަދައިން، ޒުވާނުން ހަރަކާތްތެރި ކުރުމާއި ބާރުވެރި ކުރުމަށް ހިންގޭ ހަރަކާތްތަކުގައި އަމިއްލަފުޅަށް ބައިވެރިވެވަޑައިގަތުން،" މުއާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވިލިމާލެ ފުޓްސަލް ދަނޑު ހުޅުވުމަށް ކުޅޭ ހާއްސަ ފުޓްސަލް މެޗުގައި ބައިވެރިވެވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާގެ ޓީމުގައި އެމަނިކުފާނުގެ އިތުރުން ހިމެނި ވަޑައިގަންނަވަނީ، އެމަނިކުފާނުގެ ކެބިނެޓު މިނިސްޓަރުން ކަމަށެވެ.

ރާއްޖޭގެ ހަތް ސަރަހައްދެއްގައި ހަތް ފުޓްސަލް ދަނޑެއް ބިނާކުރުމަށް ނިންމާފައިވާ އިރު ބައިނަލް އަގްވާމީ ފެންވަރަށް ހެދުނު ފުރަތަމަ ދަނޑު ހަދާފައި ވަނީ 2012 ވަނަ އަހަރު ހުޅުމާލޭގަ އެވެ. އަދި ދެވަނަ ދަނޑު ވަނީ މިދިޔަ އަހަރު ގަލޮޅު ސިނަމާލެ ފްލެޓް ސަރަހައްދުގައި ހުޅުވާފަ އެވެ.