މިފްކޯ މަސް ފިހާރަ އިން ވިއްކާ ތަކެއްޗަށް ހާއްސަ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް މިފްކޯ އިން ފަށައިފި އެވެ.

"ލައިފްސްޓައިލް ޕްރޮމޯޝަން މަންތު"ގެ ނަމުގައި ރޭ މިފްކޯ މަސްފިހާރާގައި ފެށި އެ ޕްރޮމޯޝަނާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން މިފްކޯގެ މީޑިއާ ކޯޑިނޭޓަރު އައިމިނަތު އަބްދުﷲ ވިދާޅުވީ އެ ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ޑިސްކައުންޓް ލިބުމުގެ އިތުރުން ފިހާރަ އިން ވިއްކާ ތަކެތީގެ "ރަހަ" ބަލާލުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ.

"ހަގީގަތުގައި މިތަނުން (މިފްކޯ މަސްފިހާރަ އިން) މިގޮތަށް ކެއުމަށް ތައްޔާރުކޮށްފައި ހުންނަ ތަކެތި ވިއްކާކަން ވެސް ގިނަ ކަސްޓަމަރުންނަށް ނޭނގޭ. އެހެންވީމާ އެ ތަކެތި ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނަކާ އެކު ދިނުމާއި އެއްޗެއް ގަތުމުގެ ކުރިން އެ އެއްޗެއްގެ ރަހަ ބަލާލާފައި ގެންދިޔުން ބޭނުމަކީ،" މިފްކޯގެ ސީނިއާ އެގްޒެކްޓިވް ގާސިމް އަލީ ވިދާޅުވި އެވެ.

މިއަދުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދަން ނިންމާފައިވާ އެ ޕްރޮމޯޝަން މާލޭގެ އެކި ހިސާބުތަކުގައި ކުރިޔަށް ދާނެ އެވެ. އެގޮތުން އޮފީސްތަކަށް ހާއްސަކޮށްގެން ވެލާނާގެ ކައިރީގަ އާއި ހަފްތާ ބަންދުގައި އާޓިފިޝަލް ބީޗްގައި ވެސް އެ ޕްރޮމޯޝަންގެ އެކި އިވެންޓްތައް ކުރިޔަށްގެންދަން ނިންމަވާފައިވާ ކަމަށް މިފްކޯ އިން ބުންޏެވެ.