16 Feb 2014, 10:59
މޮސްކޯ (ފެބްރުއަރީ 16): މިޞްރުގެ އިންގިލާބީ ވެރިޔާ އަދި އެގައުމުގެ ވަގުތީ ސަރުކާރުގެ ދިފާޢީ ވަޒީރު ޢަބްދުލްފައްތާޙު އައްސީސީ މިސްރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމަށް ތާއީދުކުރައްވާކަން ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ހާމަކުރައްވައިފި އެވެ.
ޕޫޓިން މިކަން ހާމަކުރައްވާފައި ވަނީ ސީސީ އާ އިއްޔެ ކްރެމްލިންގައި ބައްދަލުކުރެއްވުމުގެ ތެރޭގައި ކަމަށް މިސްރުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެ އެވެ. މިބައްދަލު ކުރެއްވުމުގައި ޕޫޓިން ވަނީ އަންނަ މަހު މިޞްރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ސީސީ ވާދަކުރެއްވުމަކީ ރަޝިޔާ މަރްހަބާކިޔާ ކަމެއްކަން ހާމަކުރައްވައި އޭނާ އަށް މަރުޙަބާ ވިދާޅުވެފައި ކަމަށް ކްރެމްލިންއިން ވެސް ވަނީ ބުނެފަ އެވެ. ސީސީ ރަޝިޔާ އަށް ވަޑައިގެން އުޅުއްވަނީ ރަސްމީ ދަތުރުފުޅެއްގަ އެވެ.
މިދަތުރުފުޅުގެ ބޭނުމަކީ ޢަސްކަރީ އިންގިލާބެއްގައި ކުރީގެ ރައީސް މުރުސީގެ ވެރިކަން ވައްޓާލުމަށް ފަހު ސީސީގެ ބެއްލެވުމުގެ ދަށުން މިސްރުގައި ގާއިމްކޮށްފައިވާ ވަގުތީ ސަރުކާރަށް ރަޝިޔާގެ ތާއީދު ހޯދުމާއި މިސްރަށް ބޭނުންވާ ގިނަ އަދަދެއްގެ ހަތިޔާރު ރަޝިޔާ އިން ލިބޭނެމަގު ތަނަވަސްކުރުން ކަމަށް ޚަބަރުލިބެ އެވެ. މިގޮތުން ތިން ބިލިޔަން ޑޮލަރުގެ ޒަމާނީ ބަރު ހަތިޔާރު ދިގު މުއްދަތަކުން ފައިސާ ދައްކާ ގޮތަށް ރަޝިޔާ އިން ގަތުމަށް މިސްރުން ހުށަހަޅާފައިވާ ކަމަށާ މިކަމަށް ރަޝިޔާ އުސޫލެއްގެ ގޮތުން އެއްބަސްވެފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
އަންނަ މާޗް މަހު މިސްރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ސީސީ ވާދަކުރައްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވިފައި ވީނަމަވެސް އޭނާ ރަސްމީ ސިފައެއްގައި އަދި މިކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ. ނަމަވެސް ސީސީ މިސްރުގެ ރިޔާސަތަށް ގެނައުމަށް މިސްރުގެ ސިފައިންގެ މުއައްސަސާއިންނާއި ވަގުތީ ސަރުކާރުން ނުސީދާ ގޮތެއްގައި ކޭންޕޭންކޮށް ސީސީ މިސްރުގެ ރިޔާސަތަށް ގެނައުމުގެ މުހިއްމުކަން ވިސްނައި ދެމުން ގެންދާ އިރު ކުރީގެ ރައީސް މުހައްމަދު މުރުސީގެ އިޚްވާނުލްމުސްލިމޫން ޖަމާއަތާ އިދިކޮޅު އިލްމާނީ ސިޔާސީ ޕާޓީތަކުން ވެސް ގެންދަނީ ސީސީ ވެރިކަމަށް ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. (އަލްޖަޒީރާ)