އިނގިރޭސި އެފްއޭކަޕްގައި ރޭ ޗެލްސީ އަތުން ފަސޭހަކަމާއެކު 2-0 އިން މޮޅުވެ، މެންޗެސްޓާ ސިޓީ އެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ޕްރިމިއާ ލީގުގައި މި ދެޓީމު އެންމެ ފަހުން ބައްދަލުކުރި ދެފަހަރުވެސް ޗެލްސީ އަތުން ސިޓީ ބަލިވެފައިވާއިރު، ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު ފޯރިގަދަ މި މެޗުން މޮޅުވެ މޮރީނިއޯގެ މައްޗަށް ކުރިހޯދުމުން، މެނުއަލް ޕެލެގްރިނީގެ ޓީމަށް މިއީ ރަނގަޅު ބަދަލުހިފުމެކެވެ.

ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މެޗުގައި ސިޓީއަށް ކުރި ހޯދައިދިނީ، މެޗުގެ 16 ވަނަ މިނިޓުގައި ސްޓީވަން، ޖޮވެޓިޗް އެވެ. އަދި މެޗުގެ ނަތީޖާ އެޓީމަށް ފުޅާކޮށްދިނީ، އަނިޔާގެ ސަބަބުން ތިން ހަފްތާގެ މުއްދަތައް ކުޅުމާ ދުރުގައި ހުރުމަށްފަހު ރޭގެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް، ފްރާންސް މިޑްފީލްޑަރު ސާމިރު ނަސްރީ އެވެ. ނަސްރީ ސިޓީގެ ދެވަނަ ޖަހައިދިނީ މެޗުގެ 62 ވަނަ މިނިޓުގަ އެވެ.

ރޭގެ މެޗުގައި ޗެލްސީ ކޮޅަށް 14 ހަމަލާ ސިޓީން ފޮނުވާލާފައިވާއިރު އޭގެ ތެރެއިން ހަ ހަމަލާ ވަނީ، ގޯލަށް އަމާޒު ކޮށްފަ އެވެ. ޗެލްސީއަށް ސިޓީގެ ގޯލާ ދިމާއަށް އެންމެ ތިން ހަމަލާ ފޮނުވާލެވުނުއިރު އޭގެތެރެއިން އެންމެ ހަމަލާއެއް ވެސް ގޯލަށް އަމާޒުކުރެވިފައެއް ނުވެއެވެ.

އެފްއޭ ކަޕްގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ސައުތުހެމްޓަން އަތުން 1-0 އިން މޮޅުވެ ސަންޑަލޭންޑު ވަނީ، ކުއާޓާއިން ޖާގަ ހޯދައިފަ އެވެ. އަދި، ކާޑިފް އަތުން 2-1 އިން މޮޅުވެ ވިގަން ކުއާޓާއަށް ދަތުރުކުރިއިރު، ރޭ ކުޅެން ހަމަޖެހިފައި އޮތް، ޝެފީލްޑް ވެނިސްޑޭއާއި ޗާލްޓަން އެތުލެޓިކްގެ މެޗު، ދަނޑުގައި ފެން ބޮޑުވުމުގެ ސަބަބުން ވަނީ، ފަސްކޮށްފަ އެވެ.