16 Feb 2014, 10:43
ހއ. އަލިދޫ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ސ. ހުޅުދޫ ރީފްސައިޑު ޖާދުﷲ ޖަމީލްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާގެ ޝަރުއީ ހުރިހާ އަޑުއެހުންތަކެއް ނިންމާލައިފި އެވެ.
ޖާދުﷲ ގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ފަތިހު 4:30 އެހައިކަންހާއިރު ހދ. ހޮނޑައިދޫގައި އޭނާ މަސްތުގެހާލަތުގައި ހުރި ކަމަށް ފުލުހުންނަށް ތުހުމަތުކުރެވިގެން ކުޑަކަމުދާއެއްޗިހި ދޭން އެންގުމުން އެކަމަށް އިންކާރުކޮށްފައިވާތީ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޮތީ ޚުލާސާ ބަޔާން ހުށަހެޅުމެވެ. ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ފުލުހުންގެ އެންގުމަށް ކުޑަކަމުދާ އެއްޗިހި ދޭން ޖާދުﷲ އިންކާރު ކުރިކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ ގަވާއިދު ބުނާގޮތުން ކުޑަކަމުދާ އެއްޗިހި ދޭން އަންގަންޖެހެނީ ފޯމަކުން ކަމަށާއި އެ ފޯމް ޖާދުﷲ އަށް ދައްކާފައިނުވާ ކަމަށް އޭނާ ބުނިނަމަވެސް ފުލުހުން އެ ފޯމް ދައްކަން އުޅުމުން ފުލުހުން ދައްކާ އެއްވެސް ލިޔުމެއް ބަލަން އޭނާ ބޭނުންނުވިކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ.
ޖާދުﷲގެ ފަރާތުން ދިފާއުގައި ހުށަހެޅި ހެކީންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރި ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ޖާދުﷲގެ ވަކީލާ ވިދާޅުވީ އެ މައްސަލައިގައި ތަހުގީގަށް ބަޔާންދިން ބައެއް ފުލުހުންގެ ބަޔާން ދައުލަތުން ޝަރީއަތަށް ހުށަހަޅާފައިނުވާ ކަމަށާއި އެއީ އެ މައްސަލަ ވަކިގޮތަކަށް ބައްޓަން ކުރުމަށް ދައުލަތުން ކޮށްފައިވާ ކަމެއް ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އެ މައްސަލައިގެ ހުކުމް އިއްވާނެ ކަމަށެވެ.