ކޮމަންޑޫ އައިލެންޑް ރިސޯޓުން ޅ. ހިންނަވަރުގައި ގާއިމުކުރި 1.4 މިލިޔަން ރުފިޔާގެ ކުނިނައްތާލުމުގެ ނިޒާމް، ފެނަކަ ކޯޕަރޭޝަންއާ ރަސްމީކޮށް ހަވާލުކޮށްފި އެވެ.

ކުނި ނައްތައިލުމުގެ ނިޒާމް، ފެނަކައާ ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ފެނަކައިގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ، ޔުޓިލިޓީ ސާވިސް ޑިވިޝަންގެ ޑިރެކްޓަރު ހުސެއިން ހަމީޒު އެވެ. އަދި ކޮމަންޑޫ އައިލެންޑް ރިސޯޓުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ރިސޯޓުގެ ރޯމިން ޖެނެރަލް މެނޭޖަރު އަލީ އާދަމް އެވެ.

ޑިރެކްޓަރު ހުސެއިން ހަމީޒު މިއަދު ސަންއަށް ވިދާޅުވީ، ހިންނަވަރުގައި ގާއިމްކޮށްފައިވާ، ކުނި ނައްތައިލުމުގެ ނިޒާމަކީ، ކޮމަންޑޫ ރިސޯޓުގެ ފަރާތުން އެ ރަށަށް ކޮށްދެއްވާފައިވާ އަގުބޮޑު އިންވެސްޓްމަންޓެއް ކަމަށާއި އަދި އެ ރިސޯޓުގެ ފަރާތުން އެ ރަށަށް އަބަދުވެސް ވަރަށް ދީލަތި އެހީތައް ލިބެމުންދާ ކަމަށެވެ.

"މިއީ ގާތްގަނޑަކަށް 90،000 ޑޮލަރުގެ ޕްރޮޖެކްޓެއް. މީގެ ކުރިން ވެސް، މިރަށުގައި ކުނި ގިނަވެ، އުނދަގޫވާ ހާލަތައް ދިއުމުން އެ ރިސޯޓުގެ ފަރާތުން ކުނި ނައްތައިލުމަށް އެހީތެރިވެދެނީ. އެގޮތުން ވޭތުވެ ދިޔަ ދެތިން އަހަރު ދުވަހުގެ ތެރޭގައި ވަރަށް ބޮޑެތި އެހީތެރިކަން ލިބިފައި ވަނީ،" ހަމީޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ހިންނަވަރާ ވަރަށް ކައިރީގައި އޮންނަ، ކޮމަންޑޫ ރިސޯޓަށް، ހިންނަވަރުގެ ކުނިގޮނޑުން އަރާ ދުމާއި އަދި މެހިބުރުން ފަދަ އުނދަގޫތައް ވަމުންދާތީ، ހިންނަވަރުގައި އަލަށް ހިއްކި ސަރަހައްދުގައި ގާއިމްކުރި ކުނިގޮނޑު ދާއިމީ ގޮތަކަށް ހިންގުމަށް ޓަކައި ފެނަކައާ ހަވާލުކުރުމުން މިހާރު އެ މަސައްކަތް ފަށައިގަތުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުންދާ ކަމަށެވެ.

"ކުރިން މިވާގޮތަކީ، ކުނިގިނަވެ އުނދަގޫވާ ހާލަތައް ދިއުމުން، އެބޭފުޅުންގެ އެހީއަށް މިއެދެނީ. އެކަމަކު މިހާރު ދެން ފެނަކައާ ހަވާލުވުމުން އަޅުގަނޑުމެން، ދާއިމީ ގޮތެއްގައި އެމަސައްކަތް ކުރިއަށް ގެންދާނަން. އަދި އެކަމަށް ބޭނުންވާ މުވައްޒަފުން ވެސް މިހާރު މިވަނީ ނަގާފައި،" ހަމީޒު ވިދާޅުވި އެވެ.

ހިންނަވަރުގެ ރައްޔިތުންނަށް ކޮމަންޑޫ އައިލެންޑް ރިސޯޓުގެ ފަރާތުން އެފަދަ ބޮޑު އިންވެސްޓްމަންޓެއް ކޮށްދީފައި ވާތީ، ފެނަކައިން ވަނީ، އެ ރިސޯޓަށް ޝުކުރު އަދާކޮށްފަ އެވެ.