ލަންޑަން (ފެބްރުއަރީ 16): ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގާ 2001 ވަނައަހަރުގެ މާޗް މަހުން ފެށިގެން މިހާތަނަށް، 140،000 މީހުން މަރާލެވިފައިވާ ކަމަށް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ސޫރިޔާގެ ޖަމްއިއްޔާއަކުން ބުނެފި އެވެ.

ލަންޑަންގައި މަރުކަޒު ހުންނަ ދަ "ސީރިޔަން އޮބަޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސް" އިން ބުނީ ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގާ މަރާލި 140،000 މީހުންގެ ތެރޭގައި 7600 އަށް ވުރެ ގިނަ ކުޑަކުދިންނާއި 5000އަށް ވުރެ ގިނަ އަންހެނުން ހިމެނޭކަމުގަ އެވެ.

"ސީރިޔަން އޮބަޒަވޭޓްރީ ފޯރ ހިޔުމަން ރައިޓްސް" ބުނާ ގޮތުން ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ މަރާލެވޭ މީހުންގެ ތަފާސްހިސާބުތައް އެޖަމްއިއްޔާ އިން ބަލަހައްޓަނީ މަރާލެވޭ މީހުންގެ ނަމާއި އެމީހުންގެ އައިޑެންޓިޓީ ހާމަކޮށްދޭ ލިޔުންތައް ބަލައިގެންނާއި މަރާލެވިފައިވާ މީހުންގެ ފޮޓޯ އާއި ރެކޯޑްކޮށްފައިވާ ވީޑިއޯތަކުގެ އެހީގަ އެވެ. އެ ޖަމްޢިއްޔާ އިން ނެރުނު ރިޕޯޓެއް ބުނާ ގޮތުން ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ މަރާލެވިފައިވާ ހަތިޔާރުއެޅި މީހުންގެ ތެރޭގައި ގިނައީ ސޫރިޔާ ސަރުކާރުގެ ސިފައިންނެވެ.

މިހަނގުރާމައިގާ އިދިކޮޅު ހަނގުރާމަވެރިންގެ 30 ހާސް މީހުން މަރާލެވިފައިވާ އިރު ސަރުކާރު ސިފައިންގެ ބައިލައްކައަށް ވުރެ ގިނަ މީހުން މަރާލެވިފައިވާ ކަމަށްވެސް "ސީރިޔަން އޮބަޒަވޭޓްރީ ފޯރ ހިޔުމަން ރައިޓްސް"ގެ ތަފާސް ހިސާބާ ބެހޭ ރިޕޯޓް ބުނެ އެވެ. މީގެ އިތުރުން ސޫރިޔާގެ ހަނގުރާމައިގާ 180 ހާސް މީހުން ގެއްލި ބައިމިލިޔަނަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށާއި މީގެތެރެ އިން ގިނަ މީހުން ޖިސްމާނީ ގޮތުން ނުކުޅެދޭ މީހުންނަށް ވެފައިވާ ކަމަށް ވެސް އެ ޖަމްޢިއްޔާގެ ރިޕޯޓް ބުނެ އެވެ. (އަލްޖަޒީރާ)