15 Feb 2014, 21:58
އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާނީ 304 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ބިޔުރޯގެ ޑިރެކްޓަރު ޖެނަރަލް މުހައްމަދު ޝަކީލް މިރޭ ވިދާޅުވީ އަންނަ މަހުގެ 22 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންގެ ގުރުއަތުލުން މިރޭ ނަގާނިމިފައިވާ ކަމަށެވެ.
"އަންނަ މާޗް މަހުގެ 22 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ގުރުއަތުލުން މިރޭ މިވަނީ ނަގާނިމިފައި. އެހެންވީމަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާނީ 304 ކެންޑިޑޭޓުން" ޝަކީލް ވިދާޅުވި އެވެ.
ޝަކީލް ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް މިރޭ އިއުލާންކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަންނަ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިއިރު 314 ފަރާތަކުން އިންތިޚާބުގައި ވާދަކުރުމަށް ފޯމް ހުށަހެޅި އެވެ. ނަމަވެސް އޭގެތެރެއިން ފަސް ބޭފުޅަކު ވަނީ ނަން އަނބުރާ ގެންދަވާފަ އެވެ. އަދި ތިން ބޭފުޅެއްގެ ފޯމް އިލެކްޝަންސް ކޮމިޝަނުން ވަނީ ޝަރުތުފުރިހަމަ ނުވާތީ ބާތިލްކޮށްފަ އެވެ.