15 Feb 2014, 20:31
ގއ. އަތޮޅު ކައުންސިލް ވިލިނގިލީ ދާއިރާގެ ދެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓަކާއި ޕީޕީއެމްގެ ކެންޑިޑޭޓަކު ކާމިޔާބުކޮށްފި އެވެ.
ވިލިނގިލީ ދާއިރާ އަށް ވާދަކުރައްވާފައި ވަނީ އެމްޑީޕީގެ ދެ ކެންޑިޑޭޓަކާއި ޕީޕީއެމްގެ ދެ ކެންޑިޑޭޓެކެވެ. އަމިއްލަގޮތުން އެއްވެސް ބޭފުޅަކު ވާދަކުރައްވާފައެއް ނުވެ އެވެ.
އެ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ކެންޑިޑޭޓު ގއ. ވިލިނގިލީ އޯކިޑުވިލާ ސައުދުﷲ ރަޝީދަށް 1272 ވޯޓު ލިބިވަޑައިގަތް އިރު އެމްޑީޕީގެ ކެންޑިޑޭޓު ގއ. ވިލިނގިލީ މާޖެހިގޭ މުހައްމަދު ޚަލީލަށް ލިބިވަޑައިގަތީ 1124 ވޯޓެވެ.
އިންތިޚާބުގައި ނާކާމިޔާބުވި ދެ ކެންޑިޑޭޓުންނަށް ލިބުނު ނަތީޖާ އަށް ބަލާ އިރު އެމްޑީޕީގެ ކެންޑިޑޭޓު ގއ. ވިލިނގިލީ ވިލާރަތްލާއާގޭ އަލީ މުސްތަފާ އަށް ލިބިވަޑައިގަތީ 812 ވޯޓެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓު ގއ. ކޮލަމާފުށީ މަލަ، މުހައްމަދު ހާޝިމަށް ލިބިވަޑައިގަތީ 947 ވޯޓެވެ.
ގއ. އަތޮޅު ކައުންސިލްގެ ޖުމްލަ ނަތީޖާ އަށް ބަލާ އިރު އެ ކައުންސިލުން ޕީޕީއެމަށް ލިބިފައި ވަނީ އެންމެ ގޮނޑިއެކެވެ. އެ އަތޮޅުގައި ހިމެނޭ އަނެއް ދެ ދާއިރާ ކަމަށްވާ ދާންދޫ ދާއިރާ އާއި ގެމަނަފުށީ ދާއިރާގެ ހުރިހާ ގޮނޑިތައް ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީންނެވެ.