15 Feb 2014, 16:50
ލިވަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން އިންތިޒާމްކޮށްގެން ބާއްވާ "މޯލްޑިވްސް ބޯޓިން އެވޯޑްސް"ގެ އިވެންޓް މެނޭޖަރަކަށް "ސައުންޑް އެންޑް ލައިޓްސް އިންކޯޕަރޭޓެޑް" ހަމަޖައްސައިފި އެވެ.
ބޯޓިން އެވޯޑްސް އިންތިޒާމްކުރުމުގެ ހުރިހާ މަސައްކަތެއް ސައުންޑު އެންޑް ލައިޓްސްއާ ހަވާލުކޮށްފައި ވަނީ، 2014 ވަނަ އަހަރުން ފެށިގެން ތިން އަހަރު ދުވަހުގެ މުއްދަތަށެވެ.
ކަނޑުތަދުތު ފަތުރުކުރާ އުޅަނދުފަހަރުގެ ސިނާއަތަށް އަމާޒުކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށްދޭ އެވޯޑުގެ އިވެންޓް މެނޭޖަރަކު ހަމަޖެއްސުމަށް މިއަދު ބޭއްވި ސޮއިކުރުމުގެ ބައްދަލުވުމުގައި ލޭމްގެ ފަރާތުން ސޮއިކުރެއްވީ، އެ ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑު މެންބަރު އަހްމަދު ރިޔާޒު އެވެ. އަދި ސައުންޑް އެންޑް ލައިޓްސްގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޑިރެކްޓަރު އިބްރާހީމް ނިޝާމް (ޕައިޑޭ) އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ޕައިޑޭ މިއަދު "ސަން'އަށް ވިދާޅުވީ، އަންނަ މޭމަހުގައި ފުރަތަމަ ފަހަރަށް ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓުގެ ހުރިހާ ކަމެއް ކުރިއަށް ގެންދާނީ އެ ކުންފުނީގެ ސީދާ ބެލުމުގެ ދަށުން ކަމަށެވެ.
"މި އެއްބަސްވުމުގެ ދަށުން، އަޅުގަނޑުމެން މިޖެހެނީ، ބްރޭންޑްތައް މާކެޓްކޮށް އިސްތިހާރުކުރުމާއި، އަދި އިންތިޒާމު ކުރުމުގެ ހުރިހާ ކަމެއް ހަމަޖައްސަން. އަދި ސްޕޮންސަރުންނާ ގުޅިގެން އިވެންޓަށް ބޭނުންވާނޭ، ފަންޑުރެއިޒްކުރުމާއި، ހަފްލާއަށް ތަން ތައްޔާރުކުރުމުގެ އިތުރުން މީޑިއާއާ ގުޅޭ ހުރިހާ ކަމެއްވެސް އަޅުގަނޑުމެން ކުރާނީ،" ޕައިޑޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އިވެންޓް ބާއްވާނެ ވަކި ތާރީހެއް ކަނޑައެޅިފައި އަދި ނުވި ނަމަވެސް މޭ މަހުގެ ތެރޭގައި އިވެންޓް ބާއްވާނެ ކަމަށާއި އަދި ފައިނަލް ތާރީހެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ. މީގެ އިތުރުން، އެވޯޑަށް ވާދަކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު، އަންނަ ހަފްތާގެ ތެރޭގައި ހުޅުވާލާނޭ ކަމަށް ވެސް ޕައިޑޭ ވިދާޅުވި އެވެ.
ޕައިޑޭ ވިދާޅުވީ، އެވޯޑްގައި ބައިވެރިކުރާ ކެޓަގަރީތަކުގެ ތެރޭގައި، ބޯޓު ފަރުމާކުރާ މީހުންނާއި، ބޯޓު ބަންނަ މީހުންނާއި އަދި ބޯޓުގެ ފަޅުވެރިންގެ ތަފާތު ކެޓަގަރީ ތަކާއި ބޯޓުގައި ބޭނުންކުރާ އިންޖީނާއި އަދިވެސް އެހެނިހެން ތަފާތު ގިނަ ކެޓަގަރީތަކެއް ހިމެނޭނެ ކަމަށެވެ.
"ކެޓަގަރީތައް ކަނޑައަޅާނީ، ލޭމްގެ ފަރާތުން. ދެން އަޅުގަނޑުމެންނަށް ފައިނަލް ލިސްޓް ލިބުމުން، އިރާދަކުރެއްވިއްޔާ އަންނަ ހަފްތާގެ ތެރޭގައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލާނަން،" ޕައިޑޭ ވިދާޅުވި އެވެ.
މި އެވޯޑުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ވަނަތައް ކަނޑައަޅާނީ، ނޮމިނޭޓްވާ ފަރާތްތަކަށް 60 އިންސައްތަ އޮންލައިންކޮށް ވޯޓުދީގެންނާއި އަދި އަނެއް 40 އިންސައްތަ ވޯޓު، އެކަމަށް ކަނޑައަޅާ ޖަޖުންގެ ހާއްސަ ޕެނަލަކުން ދީގެން ނެވެ.