17 Dec 2010, 14:34
ދިވެހިންގެ އަގީދާ ފާސިދު ކުރަން ސަރުކާރުން ކުރާ މަސައްކަތް ހުއްޓުވުމަށް ފަށާފައިވާ މުޒާހަރާތަކުގައި ދެމިހުންނަވާނެ ކަމަށާއި އެކަމާ ގުޅިގެން މަގާމުން ވަކިކުރިޔަސް ހެޔޮ ކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިހް މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އައިސް އުޅޭ އިޒްރޭލްގެ ޔަހޫދީ ޑޮކްޓަރުންނާ ދެކޮޅަށް އެތައް ސަތޭކަ މީހުން މިއަދު ހަވީރު ސުނާމީ ބިނާ ކައިރީގައި ބޭއްވި ބޮޑު އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ ދިވެހި ސަރުކާރުގެ ލާދީނީ އަމަލުތައް އިންތިހާއަށް ގޮސްފައިވާ ކަމަށާއި އެކަންކަން ހުއްޓައިލުމަށް އެތައް ފަހަރެއްގެ މަތިން ސަރުކާރުގައި ދަންނަވާފައިވާނެ ކަމަށެވެ.
ސަރުކާރުން އެކަމަށް އިޖާބަ ނުދިނުމުން ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުން ފަށާފައިވާ ހަޅުތާލުތައް މިހާރު ކޮޅުންލާފައިވާ ކަމަށާއި އެ މުޒާހަރާ ތަކުގައި އޭނާ ދެމިހުންނަވާނެ ކަމަށް ވިދާޅުވި އެވެ. އެކަމާ ގުޅިގެން އޭނާ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ މަގާމުން ވަކިކުރެއްވިޔަސް ހެޔޮ ކަމަށް ސްޓޭޓް މިނިސްޓަރު އަޑުހަރުކޮށް ވިދާޅުވި އެވެ.
ދިވެއްސާއި އިސްލާމް މާއްދާ އިހްތިޔާރީ ދެ މާއްދާއަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ ބަސް ރައީސް އޮފީހާ ހިއްސާ ކޮށްފައިވާނެ ކަމަށް އިޝާރާތް ކުރައްވައި ޝަހީމް ވިދާޅުވީ އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ފޮނުވި ސިޓީއަށް ރައީސް އޮފީހުން ބުނެފައިވަނީ "އިސްލާމާއި ދިވެހި މާއްދާގެ ވާހަކަ ޝަހީމް ނުދެއްކުމަށް" ކަމަށެވެ. ނަމަވެސް ރާއްޖޭގެ ދީނީ ސިޔާސަތު ކުރިއަރުވަން ތިބި ބަޔަކަށް ރައީސް ނަޝީދުގެ ސަރުކާރުން އެފަދަ ޖަވާބެއް ދިނުމުން ހައިރާންވެ ވަޑައިގެންނެވި ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެފަދަ ކަންކަމުގައި މިހާރު ސަރުކާރުގެ "ލަދެއް ހަޔާތެއް" ނެތް ކަމަށެވެ.
ސްޓޭޓް މިނިސްޓަރު ވިދާޅުވީ މި މުޒާހަރާތަކާ ގުޅިގެން ރައީސް ނަޝީދާއި "މޫނު ކެނޑޭ ހިސާބަށް ކަންތައްތައް ދިޔައީ" ކަމަށާއި އަރިހުގައި ތިއްބަވާ ބޭފުޅުންގެ ވާހަކަތަކަށް ރައީސް ނަޝީދު ހެއްލިވަޑައި ނުގެން މަޝްވަރާގެ މޭޒުގެ ދޮށަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ސިޔާސީ ހަ ޕާޓީ އާއި މަދަނީ 126 ޖަމިއްޔާއަކުން ބައިވެރިވި ބޮޑު އެއްވުމުގައި ދީނީ ދަންނަ ބޭކަލުން ވެސް ސަރުކާރުގެ ދީނީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. މީގެ އިތުރުން ޑީއާރުޕީގެ ދެ ޑެޕިއުޓީ ލީޑަރުން ކަމުގައިވާ އުމަރު ނަސީރާއި އިލްހާމް އަހުމަދުގެ ވާހަކަފުޅުގައި ސަރުކާރުން ޔަހޫދީން ރާއްޖެ ގެނެސްގެން ލާދީނީ އަމަލުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާތީ އެކަން ކުއްވެރިކޮށް، އެކަންކަން އިސްލާހު ނުކޮށްފިނަމަ ހިތި ނަތީއްޖާއެއް ސަރުކާރަށް ދައްކާނެ ކަމުގެ އިންޒާރުދެއްވި އެވެ.
ބޮޑު އެއްވުމުގައި ޑީއާރުޕެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި ގައުމީ ޕާޓީގެ ބޭފުޅުންނާއި ޖުމްހޫރީ ޕާޓީގެ ބޭފުޅުންނާއި ގައުމީ އިއްތިހާދުން ވެސް ޔަހޫދީން ޑޮކްޓަރުން މިގައުމުން ބޭރު ކުރުމަށް އަޑު ހަރުކުރި އެވެ.