15 Feb 2014, 16:40
ރާއްޖޭ އާއި ސައުދީ އަރަބިއްޔާގެ އެއާލައިންތަކަށް އެއްގައުމުން އަނެއްގައުމަށް ވައިގެ ދަތުރުފަތުރު ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ދެ ގައުމުގެ އެއާލައިން އެއްގައުމުން އަނެއް ގައުމަށް ދަތުރު ކުރުމުގެ ފުރުސަތު ލިބިގެންދިޔައީ ދިވެހިރާއްޖެއާއި ކިންގްޑަމް އޮފް ސައުދީ އަރައްބިއްޔާ އާއި ދެމެދު ވައިގެ ދަތުރުފަތުރުގެ ގުޅުން ގާއިމުކުރުމުގެގޮތުން ދެ ގައުމުގެ ދެމެދުގައި ވެވުން އެއްބަސްވުމާއެކުގަ އެވެ.
ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ ރާއްޖޭގެ އެއާލައިންތަކަށް ސައޫދީ އަރައްބިއްޔާގެ ޖިއްދާ އާއި ރިޔާދުގެ އިތުރުން މަދީނާ އަށް ހަފްތާއަކު 14 ފްލައިޓް އޮޕަރޭޓް ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ. އަދި ސައޫދީ އަރައްބިއްޔާގެ ދައްމާމަށް ރާއްޖޭގެ އެއާލައިންތަކުން އިހްތިޔާރުކުރާ އަދަދަކަށް ފްލައިޓް އޮޕަރޭޓްކުރުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ދެގައުމުގެ ދެމެދުގައި އެއާލައިން ދަތުރުތައް ކުރުމާއި ގުޅޭ ގޮތުން މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއި ކޮށް ދެ ގައުމުން އެކުލަވާލި ވައިގެ ދަތުރުފަތުރާބެހޭ އެއްބަސްވުމުގައި ރަމްޒީ ސޮއި ކޮށްފައިވަނީ ސައުދީ އަރަބިއްޔާއަށް މިމަހުގެ 11 އިން 15 އަށް ޑިފެންސް މިނިސްޓަރު ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ.
ސައުދީއާއި ރާއްޖެއާއި ދެމެދު ވައިގެ ދަތުރުތައް ފެށުމުގެ ފުރުސަތު ލިބުމުން ރާއްޖެއިން ޙައްޖު އަދި ޢުމްރާ ގެ އަޅުކަން ފުރިހަމަ ކުރުމަށް ސައޫދީ އަރައްބިއްޔާއަށް ދަތުރުކުރާ ދިވެހީންނަށް ވަރަށް ބޮޑުލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" އަދި އަމިއްލަ އެއާލައިނެއް ކަމުގައިވާ "މެގަމޯލްޑިވްސް" އިން ރާއްޖެއާއި ސައޫދީ އަރައްބިއްޔާއާ ދެމެދު ދަތުރުކުރުމަށް ޝައުގުވެރިވާކަމަށް ސައުދީއަށް މިނިސްޓަރު ކުރެއްވި ދަތުރުފުޅުގައި ފާހަގަ ކުރައްވާފައި ވެއެވެ.
ރާއްޖެއިން ހައްޖާޖީން ގޮވައިގެން ގައުމީ އެއާލައިން، މޯލްޑިއަނުން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސައުދީ އަރަބިއްޔާއަށް ފުރަތަމަ ފަހަރަށް އުދުހެން ފަށައިފަ އެވެ.