އަންނަ މަހު 22 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ތިން ބޭފުޅަކު ނަން އަނބުރާ ގެންދަވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

"އަންނަ މަހު ބާއްވަ ރައްޔިތުންގެ މަޖިލީހުގެ އިންތިހަބުގައި ވާދަ ކުރެއްވުމަށް ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން މިއަދު ތިން ބޭފުޅަކު ވަނީ ނަން އަނބުރާ ގެންދަވަފައި. އެއީ އަމިއްލަ ގޮތުން ހެންވޭރު ދެކުނު ދާއިރާ އަށް ވާދަ ކުރައްވާ ކެންޑިޑޭޓަކާއި، އަމިއްލަ ގޮތުން ގެމަނަފުށީ ދާއިރާ އަށް ވާދަކުރައްވަ ކެންޑިޑޭޓަކާއި އަދި އަމިއްލަ ގޮތުން ދާންދޫ ދާއިރާ އަށް ވާދަކުރެއްވުމަށް ފޯމް ހުށަހެޅުއްވި ކެންޑިޑޭޓެއް" އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރު ޖެނަރަލް އަދި އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް މުހައްމަދު ޝަކީލް މިއަދު "ސަން"އަށް ވިދާޅުވި އެވެ.

މަޖިލީހުގެ އިންތިހާބުގައި ކުޑަހުވަދޫ ދާއިރާގެ ގޮނޑި ސަރުކާރު ކޯލިޝަނަށް ގެއްލިދާނެތީ އަދާލަތު ޕާޓީން އެ ދާއިރާ އަށް ނެރުނު ކެންޑިޑޭޓް ހަސަން ރަޝީދު ވެސް ވަނީ މިއަދު ނަން އަނބުރާ ގެންދަވާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެކުރިން ތިން ފަރާތެއްގެ ކެންޑިޑޭސީ ފޯމް ބާތިލް ވެސް ކޮށްފަ އެވެ. އަދި އެއް ބޭފުލަކު ވަނީ އަމިއްލަފުޅަށް ނަން އަނބުރާ ގެންދަވާފަ އެވެ.

ކޮމިޝަނުން ބާތިލްކޮށްފައި ވަނީ މާފަންނު މެދު ދާއިރާ އަށް ވާދަކުރެއްވުމަށް ފޯމް ހުށަހެޅުއްވި ބޭފުޅަކާއި ށ. މިލަންދޫ ދާއިރާއަށް ވާދަކުރެއްވުމަށް ފޯމް ހުށަހެޅުއްވި ބޭފުޅެއްގެ އިތުރުން ތ. ކިނބިދޫ ދާއިރާއަށް ވާދަކުރެއްވުމަށް ފޯމް ހުށަހެޅުއްވި ބޭފުޅެއް ކަމަށެވެ. އަދި މީގެކުރިން ނަން އަނބުރާ ގެންދަވާފައި ވަނީ އަމިއްލަ ގޮތުން ރ. މަޑުއްވަރީ ދާއިރާ އަށް ވާދަ ކުރެއްވުމަށް ފޯމް ހުށަހަޅުއްވާފައިވާ ބޭފުޅެކެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުން ނިމެންދެން އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް ނަން ގެންދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.