ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުޑަހުވަދޫ ދާއިރާގެ ގޮނޑި ސަރުކާރު ކޯލިޝަނަށް ގެއްލިދާނެތީ އަދާލަތު ޕާޓީން އެ ދާއިރާ އަށް ނެރުނު ކެންޑިޑޭޓް ހަސަން ރަޝީދު މިއަދު ނަން އަނބުރާ ގެންދަވައިފި އެވެ.

ސަރުކާރު ކޯލިޝަންގެ ފަރާތުން ކުޑަހުވަދޫ ދާއިރާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށް ލިބުމުން އެ ޕާޓީން ކުރިމަތިލައް ވަނީ މިހާރު ވެސް އެ ދާއިރާގެ މެންބަރު އަހުމަދު އާމިރެވެ.

އަދާލަތު ޕާޓީން އެ ދާއިރާ އަށް ނެރުނު ހަސަން ރަޝީދު ބުނީ އޭނާގެ ނަން އަނބުރާ ގެންދެވީ މިއަދު ހެނދުނު ކަމަށާއި އެގޮތަށް ކަންތައް ކުރީ އެމްޑީޕީ އަށް ގޮނޑި ލިބިދާނެތީ ކަމަށެވެ.

"އާމިރާ ދެ މީހުން ވާދަކޮށްގެން އަޅުގަނޑުމެން ދެ މީހުންނަށް ވެސް ގޮނޑި ނުލިބި ފަހަރުގައި އެމްޑީޕީ އަށް އެ ގޮނޑި ފުރޮޅިދާނެތީ އަޅުގަނޑު ނަން އަނބުރާ ގެންދިޔައީ. އަޅުގަނޑުމެން ދެ މީހުންނަށް ވެސް ބޮނޑިބޮވިދާނެ ކަމަށް އަޅުގަނޑަށް ފެނުނީ،" އޭނާ ވިދާޅުވި އެވެ.

ކުޑަހުވަދޫ ދާއިރާ އަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވަނީ މުހައްމަދު ޖައިޝް އިބްރާހިމް އެވެ.