އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސަލްމާން ޚޫރުޝީދު ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާ – މޯލްޑިވްސް ފްރެންޑްޝިޕް ފެކަލްޓީ ރާއްޖެއާ ހަވާލުކުރައްވާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެފި އެވެ.

ހައިކޮމިޝަނުން މިއަދު ބުނީ އިންޑިއާ – މޯލްޑިވްސް ފްރެންޑްޝިޕް ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްގެ އިތުރުން ދިވެހި ސިފައިންނަށް ލޭންޑިން ކްރާފްޓެއް ހަދިޔާކުރުން ވެސް ހޫރުޝީދުގެ ދަތުރުފުޅުގައި އޮންނާނެ ކަމަށެވެ.

ސަލްމާން ޚޫރުޝީދު ރާއްޖެ ވަޑައިގަންނަވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނުގެ ދައުވަތަކަށް ކަމަށް ފޮރިން މިނިސްޓްރީން ބުރާސްފަތި ދުވަހު ބުންޏެވެ. ފޮރިން މިނިސްޓްރީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފޮރިން ސެކްރެޓަރީ އަލީ ނަސީރު ވިދާޅުވީ ހޫރުޝީދުގެ ދަތުރުފުޅުގައި ދެގައުމުގެ ގުޅުމާ ބެހޭ ރަސްމީ ވާހަކަތައް އޮންނާނެ ކަމަށެވެ. އަދި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ދެސަރުކާރުގެ ދެމެދުގައި އެއްބަސްވެފައިވާ ކަންތައްތައް އަމަލީ ގޮތުން ކުރުމާ މެދު މަޝްވަރާ ދެބޭފުޅުން މަޝްވަރާކުރައްވާނެ ކަމަށެވެ.

"އެމަނިކުފާނުގެ މިދަތުރުފުޅަކީ ރައީސް ޔާމީނު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި މަޝްވަރާކުރެވި އެއްބަސްވެފައިވާ ގިނަ ކަންތައްތައް ކުރިއަށް ގެންދިއުމަށް ޓަކައި ކުރަން ޖެހޭ އަމަލީ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް،" ނަސީރު ވިދާޅުވި އެވެ.

ސަލްމާން ޚޫރުޝީދުގެ ދަތުރުފުޅުގައި ރާއްޖޭގައި މިމަހުގެ 20 ވަނަ ދުވަހު އޮންނަ ސާކްގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ވެސް ބައިވެރިވަޑައިގަންނަވާނެ އެވެ.