15 Feb 2014, 13:50
ދެ ވަނަ ބުރެއް ބާއްވަން ޖެހުނު ހަތަރު ދާއިރާއެއްގެ ކައުންސިލް އިންތިހާބާއި ބާތިލް ކުރި ދާއިރާއެއްގެ އިންތިހާބާއި ކޯޓުން ފަސް ކުރަން ބުނި އަތޮޅު ކައުންސިލެއްގެ ވޯޓުލުން ފަށައިފި އެވެ.
މިއަދު ކުރިއަށް ގެންދަނީ ހއ. މުރައިދޫ އާއި ރ. މާކުރަތަ އާއި ބ. ފެހެންދޫ އާއި ނ. މިލަދޫ ރަށު ކައުންސިލްގެ އިންތިހާބާއި ގއ. އަތޮޅު ކައުންސިލްގެ ވިލިނގިލީ ދާއިރާގެ އިންތިހާބެވެ.
އިލެކްޝަންސް ކޮމިޝަންގެ ބިއުރޯގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޝަކީލް ވިދާޅުވީ މުރައިދޫ ކައުންސިލާއި ރ. މާކުރަތަ ކައުންސިލާއި ބ. ފެހެންދޫ ކައުންސިލްގެ އިންތިހާބު ބާއްވަނީ ވޯޓުގެ އަދަދުން ދެ ކެންޑިޑޭޓުން އެއްވަރުވެގެން ދެ ވަނަ ބުރަކަށް ދާންޖެހުމުން ކަމަށެވެ.
މިލަދޫ ކައުންސިލްގެ އިންތިހާބު ބާއްވަނީ ހުށަހެޅުނު އިންތިހާބީ ޝަކުވާތަކާ ގުޅިގެން ކޮމިޝަނުން އެ އިންތިހާބު ކެންސަލްކޮށްފައި ވާތީ ކަމަށް ޝަކީލް ވިދާޅުވި އެވެ. އަދި ގއ. އަތޮޅު ކައުންސިލްގެ ވިލިނގިލީ ދާއިރާގެ އިންތިހާބު ބާއްވަނީ އެދާއިރާއަށް ވާދަކުރައްވަން ހުށަހެޅި ކެންޑިޑޭޓެއްގެ ފޯމު، އިލެކްޝަންސް ކޮމިޝަނުން ބާތިލްކޮށްފައިވަނި ކޮށް، އެ ކެންޑިޑޭޓަށް އިންތިހާބުގައި ވާދަކުރެވޭނޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން އެ ކެންޑިޑޭޓަށް ކެމްޕޭން ކުރުމުގެ ފުރުސަތު ދިނުމަށް އިންތިހާބު ފަސް ކުރުމަށްފަހުގައި ކަމަށް ވެސް ޝަކީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވޯޓުލުން ބަންދުކުރުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:00 ގައި ކަމަށާއި އޭގެފަހުން ވޯޓު ގުނުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
ގއ. ކޮނޑޭ ކައުންސިލްގެ ދެވަނަ ބުރު މިއަދު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރި އެވެ. ނަމަވެސް ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓުން ވަނީ އެ އިންތިޚާބު ވަގުތީގޮތުން ހުއްޓުވާފަ އެވެ.