ޕާކް ކޮށްފައި އަދި ގިނަ ދުވަސް ވަންދެން މަގުމައްޗަށް ދޫކޮށްލާފައި ހުންނަ ވެހިކަލްތައް މިއަދު ފުލުހުން ނަގަން ފަށައިފި އެވެ.

ޓްރެފިކް ޕޮލިސްގެ ހެޑް އާސިމް އަބްދުﷲ މިއަދު ވިދާޅުވީ ވެހިކަލްތައް ނެގުމުގެ ކަންތައް ކުރިއަށް ގެންދަނީ ސިޓީ ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމަށާއި ބާވެ، އުކާލާފައި ހުރި ވެހިކަލްތައް ނެގުމަށް ކައުންސިލުން ކުރިން އިއުލާނު ވެސް ކޮށްފައިވާ ކަމަށެވެ.

"ހެނދުނު 8:30ގައި އަޅުގަނޑުމެން މި މަސައްކަތް ފެށީ. މެންދުރާ ހަމައަށް ހަތަރު ފުރޮޅު ލީ 22 ވެހިކަލެއް އަދި 28 ސައިކަލު އަޅުގަނޑުމެން ނަގައިފިން،" އާސިމް ވިދާޅުވި އެވެ.

އާސިމް ވިދާޅުވީ ހަވީރު 5:00 ހަމައަށް ވެހިކަލްތައް ނެގުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށާއި އެ ވަގުތާ ހަމައަށް ނުނަގައި ބާކީ ވެހިކަލްތަކެއް ހުރެއްޖެ ނަމަ މާދަމާ ވެސް މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ވެހިކަލް ނެގުމުގެ ޕްރޮގްރާމް ކުރިއަށް ގެންދަނީ މާލޭ ސިޓީ ކައުންސިލާއި ޓްރާންސްޕޯޓް އޮތޯރިޓީ އާއި ފުލުހުން ގުޅިގެންނެވެ. އަދި މި މަސައްކަތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ވެސް އެހީތެރިވެދެ އެވެ.

ސިޓީ ކައުންސިލުން ކުރިން ބުނެފައި ވަނީ މަގުމަތިން ނަގާ ވެހިކަލްތަކުގެ ތެރެއިން އެންމެ ބޮޑަށް ހަލާކުވެފައި ހުރި ވެހިކަލްތައް ގެންދާނީ ތާޖުއްދީން ސްކޫލް ފުރަގަހުގައި އޮންނަ "ވަކަޗުކީ" ކޮށްޓަށް ކަމަށެވެ. އަދި އެހެނިހެން ވެހިކަލްތައް ގެންދިއުމަށް ހަމަޖެހިފައި ވަނީ ގާކޮށްޓަށެވެ.

އެގޮތަށް ނަގާ ވެހިކަލްތައް ވެރިފަރާތަށް އަލުން ދޫކުރުމަށް ހަމަޖެހިފައި ވަނީ ޖޫރިމަނާއެއް ނެގުމަށް ފަހު އެވެ.