15 Feb 2014, 12:56
ވަޅޯމަސް މާރުކޭޓް ސަރަހައްދު ބަނދަރުގައި އަޅާފައިވާ އޮޑި ދޯނިތަކުން ފޯނު ވަގަށް ނަގަމުންދިޔަ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ވަޅޯމަސް މާރުކޭޓް ސަރަހައްދު ބަނދަރުގައި އަޅާފައިއޮތް ތިން ދޯންޏަކުން ވަގަށް ނަގާފައިވާ ހަ ނޮކިއާ ފޯނާއި އެކު ރޭ ދަންވަރު ވަޅޯމަސް މާރުކޭޓް ސަރަހައްދުން ހައްޔަރުކޮށްފައިވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ވަގަށް ނަގާފައިވާ ފޯނުތައް ހައްޔަރު ކުރި މީހާގެ އަތުން ފެނިފައިވަނީ ރޭ ދަންވަރު މާލެ ތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން އޭނާ ޕޮލިސް ސްޓޭޝަނަށް ގެނައި މަގުމަތީ އަތުގައި އޮތް ކޮތަޅެއް އެއްލާލުމުން އެ ކޮތަޅު ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެ މީހާ ޕޮލިސް ސްޓޭޝަނަށް ގެނައުމަށްފަހު ސުވާލުކޮށް ބެލި ބެލުމުން އެއީ ވަޅޯމަސް މާރުކޭޓް ސަރަހައްދު ބަނދަރުގައި އަޅާފައިވާ ދޯނިފަހަރުން ވަގަށް ނަގާފައިވާ ތަކެތިކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށެވެ. އަދި ވަގަށް ނަގާފައިވާ އެ ފޯނުތަކާއި އެމީހާ ގޮވައިގެން އެ ދޯނިފަހަރަށް ގޮސް ފުލުހުންގެ ހާޒިރުގައި ފޯންތަކުގެ ވެރިންނާއި އެ ފޯންތައް ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.