ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި "ފީފާ ކޮކާކޯލާ ވޯލްޑް ރޭންކިން"ގައި ރޭންކަށް ބަދަލެއް ނައިސް މިފަހަރުވެސް ރާއްޖެ އޮތީ ސާކް ސަރަހައްދުގެ ތިންވަނަ މަގާމުގަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިއުލާންކުރި ރޭންކިން ލިސްޓުގައި ރާއްޖެ 14 ދަރަޖަ ދަށަށް ދިޔަ ނަމަވެސް މިފަހަރު އިއުލާން ކުރި ލިސްޓުގައި ރާއްޖޭގެ ރޭންކިންއަށް ބަދަލެއް އައިސްފައެއް ނުވެއެވެ.

ދުނިޔޭގެ ރޭންކިންގައި ރާއްޖެ މިހާރު އޮތީ މިދިޔަ މަހުވެސް ވެސް ރާއްޖެއަށް ލިބުނު 163 ވަނަ މަގާމުގަ އެވެ.

ސާކް ސަރަހައްދުން ރާއްޖެއަށް ތިންވަނަ ލިބޭއިރު އޭޝިޔާ ސަރަހައްދުން ރާއްޖެއަށް ލިބެނީ 34 ވަނައެވެ. އަދި އޭޝިޔާ ސަރަހައްދުން އެއްވަނަ އިރާނަށް ލިބޭއިރު، މިސަރަހައްދުގެ އެންމެ ފުލުގައި އޮތީ ބޫޓާނެވެ.

ސާކް ސަރަހައްދުން މިފަހަރުވެސް އެއްވަނަ މަގާމްގައި އޮތީ އަފްގާނިސްތާން އެވެ. ދުނިޔޭގެ ރޭންކިންގައި އަފްގާނިސްތާން މިފަހަރު އޮތީ 138 ވަނައިގަ އެވެ. އަދި ސަރަހައްދުގެ ދެ ވަނަ މަގާމްގައި އޮތީ ދެ ދަރަޖައިގެ ކުރިއެރުމެއް ހޯދި އިންޑިއާ އެވެ. ދުނިޔޭގެ ރޭންކިންގައި އިންޑިއާ އޮތީ 154 ވަނަ މަގާމްގަ އެވެ. ސަރަހައްދުގެ ހަތަރު ވަނަ މަގާމްގައި އޮތީ ބަންގްލަދޭޝް އެވެ. ދުނިޔޭގެ ރޭންކިންގައި ބަންގްލަދޭސް އޮތީ 164 ވަނަ މަގާމް ގައެވެ.

ހަތް ދަރަޖައިގެ ކުރިއެރުމެއް ހޯދައިގެން ސަރަހައްދުގެ ފަސް ވަނަ މަގާމްގައި އޮތީ ޕާކިސްތާނެވެ. އަދި ދުނިޔޭގެ ރޭންކިންގައި ޕާކިސްތާން އޮތީ 165 ވަނަ މަގާމްގަ އެވެ. ސަރަހައްދުގެ ހަވަނަ މަގާމްގައި އޮތީ ތިން ދަރަޖައިގެ ކުރި އެރުމެއް ހޯދި ނޭޕާލެވެ. ދުނިޔޭގެ ރޭންކިންގައި ނޭޕާލް އޮތީ 169 ގައެވެ. ދެ ދަރަޖައިގެ ވެއްޓުމަކާއެކު ސަރަހައްދުގެ ހަތް ވަނަ މަގާމްގައި ލަންކާއޮތްއިރު، މިފަހަރުވެސް ސަރަހައްދުގެއެންމެ ފުލުގައި އޮތީ ބޫޓާން އެވެ.

ދުނިގެ ރޭންކިންގެ އެއްވަނައިގައި ސްޕެއިން، ދެވަނައިގައި ޖަރުމަނު، ތިންވަނައިގައި އާޖެންޓީނާ އަދި ހަތަރު ވަނައިގައި އޮތީ އެއްދަރަޖައިގެ ކުރިއެރުމެއް ހޯދި ޕޯޗުގަލް އެވެ.