ރެއާލް މެޑްރިޑްގެ ޕޯޗުގީޒް ފޯވާޑް، ކްރިސްޓިއާނޯ ރޮނާލްޑޯގެ ބޮލުގައި ލައިޓަރަކުން، ޖެހި މައްސަލައިގައި ސްޕެނިސް ފުޓްބޯލް ފެޑެރޭޝަން (އާރުއެފްއީއެފް) އިން އެތުލެޓިކޯ މެޑްރިޑް 492 ޕައުންޑުން ޖޫރިމަނާކޮށްފި އެވެ.

ރޮނާލްޑޯގެ ބޮލުގައި ލައިޓަރަކުން ޖަހާފައި ވަނީ، އެތުލެޓިކޯގެ ވިސެންޓޭ ކަލްޑެރޯންގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ކުޅުނު ކޮޕާ ޑެލް ރޭ ސެމީފައިނަލްގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާފައި ދަނޑުން ފައިބައިގެން ދަނިކޮށެވެ. ދަނޑުގައި ކުޅިބަލަން ތިބި މީހުންތަކުގެ ތެރެއިން އެ ލައިޓަރު ހޫރާލާފައިވަނީ، ރެއާލް މެޑްރިޑް މޮޅުވި އެ މެޗުގައި ދެ ޕެނަލްޓީއިން ރޮނާލްޑޯ ލަނޑު ޖަހާފައި ވަނިކޮށެވެ.

އާރުއެފްއީއެފްގެ ބަޔާނުގައި ބުނެފައިވަނީ، ރޮނާލްޑޯއަށް ހަމަލާދިން މީހާ، އެތުލެޓިކޯއިން ހޯދައިދީފި ނަމަ، އެޓީމު ކޮށްފައިވާ ޖޫރިމަނާގެ އަދަދު ދެބަޔަށް ބަހާލެވޭނެ ކަމަށެވެ.

ރޮނާލްޑޮގެ ބޮލުގައި ލައިޓަރަކުން ޖެހި ނަމަވެސް އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. އަދި އެ މެޗުން މޮޅުވެ ފައިނަލްގެ ޖާގައެއް ރެއާލް އިން ކަށަވަރުކުރީ، 5-0ގެ އެގްރިގޭޓް ނަތީޖާއިންނެވެ.

ކޮޕާ ޑެލް ރޭ ގެ ފައިނަލްގައި ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ނުކުންނައިރު ރެއާލް މެޑްރިޑް ވެގެން ގޮސްފައިވަނީ، 1916 ވަނަ އަހަރުގެ ފަހުން، ބައިކޮޅަށް ލަނޑެ ޖެހިޔަ ނުދީ، އެ މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ޓީމަށެވެ.