15 Feb 2014, 10:35
އާސެންލަގެ ކޯޗު އާސީން ވެންގާ އަކީ، "ސްޕެޝަލިސްޓް އިން ފެއިލްޔާ" އެއްކަމަށް ޗެލްސީގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފި އެވެ.
މޮރީނިއޯ، ވެންގާއަށް ފާޑު ކިޔާފައި މި ވަނީ، އެހެން ކްލަބުތަކުގެ ކޯޗުން، ލީގު ކާމިޔާބު ނުވެދާނެކަމަށް ބުނަނީ، "ފެއިލް ވެދާނެތީ ގަންނަ ބިރެއްގެ ބޮޑުކަމުން" ކަމަށް ވެންގާ ބުނުމާ ގުޅިގެން އެއަށް ރައްދުދީ އެވެ.
"އަހަރެން ފެއިލްވެދާނެތީ ބިރުން އުޅޭނީ ކަމަށް އޭނާ [ވެންގާ] އެ ބުނަނީ، އަހަރެން އެހާ ގިނައިން ފެއިލް ނުވާތީ،" މޮރީނިއޯ ބުންޏެވެ. "އަހަރެން ދެކޭ ގޮތުގައި އަށް އަހަރު ދުވަސްވީ އިރުވެސް ތައްޓެއްގައި ބީހިލަން ނުލިބުމަކީ ފެއިލް ވުން."
ވެންގާ އިރުޝަދުގެ ދަށުން އާސެނަލްއަށް 2005 ވަނަ އަހަރުގެ އެފްއޭ ކަޕް ޓްރޮފީ ހޯދި ފަހުން އެ ކަލްބަށް ތައްޓެއް ކާމިޔާބުކުރުމުގެ އުފާ ހާސިލްކުރަން ލިބިފައެއް ނުވެއެވެ.
މޮރީނިއޯ ބުނީ، ވެންގާއަކީ، "ނާކާމިޔާބީގެ މާހިރެއް" ކަމަށާއި ކްލަބެއްގައި ކާމިޔާބެއް ނުލިބި އެހާ ގިނަ ދުވަހު ހުންނަން ޖެހުމުން އަމިއްލައަށް އެކަން ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.
"އަހަރެން ޗެލްސީގައި އެގޮތަށް އަށް އަހަރު ދުވަހު، ކާމިޔާބެއް ނުލިބި ހުންނަން ޖެހިއްޖިއްޔާ، ކްލަބު ދޫކޮށް ދާނަން. އަދި އެނބުރި ނާންނާނަން،" މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ޗެލްސީއާ ފުރަތަމަ ހަވާލުވި ފަހަރު އޭނާ ވަނީ އެ ކްލަބަށް، ޕްރިމިއާ ލީގު ދެފަހަރު ހޯދައިދީފަ އެވެ. އަދި އޭނާ ވަނީ، ހަތަރު ގައުމެއްގެ ލީގު ކާމިޔާބު ކުރުމުގެ އިތުރުން، ޕޯޗުގަލްގެ ޕޯޓޯއަށާއި އިޓަލީގެ އިންޓަ މިލާނަށް، ޔޫރަޕިއަން ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްދީފަ އެވެ.
ވެންގާ އާއި މޮރީނިއޯއާ ދެމެދު މިގޮތަށް ބަހުގެ ހަމަލާތައް ބަދަލުކުރި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މި ދެ ކޯޗުންގެ މެދުގައި ކުރިން ވެސް ވަނީ ވަރަށް ގަދައަށް މިފަދަ ބަހުގެ ހަމަލާތައް ބަދަލުކުރެވިފަ އެވެ. އެގޮތުން 2005 ވަނަ އަހަރުގެ ޓްރާންފާ ދުވަސްވަރު، މޮރީނިއޯ ވެންގާއާ ދިމާއަށް ބުނެފައިވަނީ، "އެއީ އެހެން މީހުން އުފާކުރާތަން ބަލައިގެން، ހިތްހަމަ ޖައްސާލާ މީހެއް،" ކަމަށެވެ.
"ބައެއް މީހުން އުޅޭނެ، ގޭގައި ބޮޑެތި ޓެލެސްކޯޕުތައް ބަހައްޓައިގެން އެހެން އާއިލާތަކުގައި ކަންތައް ވާގޮތް ދުރުގައި ތިބެގެން ބަލާމީހުން،" ވެންގާއަށް ނިސްބަތްކޮށް މޮރީނިއޯ ބުންޏެވެ. "އޭނާގެ ކަމަކަށް އޮންނާނީ އަބަދުވެސް ޗެލްސީއޭ ކިޔައިގެން އެގޮތަށް އަނގަތެޅުން"
އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގައި މިރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނުކުންނައިރު، އަންނަ މަހުގެ 22 ވަނަ ދުވަހު ޗެލްސީ ވާދަކުރަން ޖެހޭނީ، ޕްރިމިއާ ލީގުގައި އާސެނަލްއާ އެވެ. ލީގު ތާވަލުގެ އެއް ވަނައިގައި އެއް ޕޮއިންޓުގެ ތަފާތުން އާސެނަލްގެ މައްޗަށް ޗެލްސީ ކުރިހޯދާފައިވާއިރު، މިފަހަރުގެ ލީގު ކާމިޔާބުކުރާނެ ޓީމެއް ކަނޑައެޅުމުގައި މުހިއްމު މެޗަކަށް މި މެޗު ވެގެންދާނެ އެވެ.
ޗެލްސީއަކީ ލީގަށް ވާދަކުރަން ބިރުގަންނަ ޓީމެއް ކަމަށް، އާސެނަލްގެ ކޯޗުކަމާ 1996 ވަނަ އަހަރު ހަވާލުވި ވެންގާ ބުނެފައިވާއިރު އާސެނަލްއަށް މިފަހަރުގެ ލީގު ނުހޯދިއްޖެ ނަމަ އެކަމުގެ ފުރިހަމަ ޒިންމާ އޭނާ ނަގާނެ ކަމަށް ވެސް 64 އަހަރުގެ ފްރާންސް ކޯޗު ބުންޏެވެ.
"މިފަހަރު ވަރަށް ގިނަ ކްލަބުތަކެއް ލީގަށް އެބަ ވާދަކުރޭ. އަދި އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ވަރަށް ވާދަވެރިކޮށް ދާނީ،" ވެންގާ ބުންޏެވެ. "އަހަރެމެން ލީގު ހޯދަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން. އަދި ކާމިޔާބު ނުވެއްޖެ ނަމަ އޭގެ ޒިންމާ އަހަރެން ނަގާނަން."