ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މަސްތުވާތަކެތީގެ ތަފާތު ތިން މައްސަލައެއްގައި ކޯޓަށް ހާޒިރު ކުރެވިފައިވާ ނުވާ ތިންމީހަކު، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ތިންމީހަކު ހޯދަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، ފުލުހުންގެ ބެލުމުގެ ދަށުގައި މާދަމާ ކޯޓަށް ގެންދިޔުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފައިވާ ތިން މީހުންނަކީ، ސ. މަރަދޫ، މާޖެހިގެ، އިބްރާހީމް ސާމިއު، 44، އާއި ސ. ހުޅުދޫ، ކުދީނާގެ، އަހްމަދު ރިޔާހް، 28، އާއި ނ. މިލަދޫ، ސިނަމާވިލާ، އަހްމަދު ނާސިރު، 27، ކަމަށެވެ.

އެ ތިން މީހުންގެ ތެރެއިން އިބްރާހީމް ސާމިއު އަކީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުން ކުރުމާއި، ބޭނުން ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައެއްގައި ކޯޓަށް ހާޒިރު ކުރަން ބޭނުންވެގެން ހޯދަމުންދާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

އަހްމަދު ރިޔާހަކީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ޑައިމޯފިންޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެއް ކަމަށާއި އަދި އަހްމަދު ނާސިރަކީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމާއި، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައެއްގައި ކޯޓަށް ހާޒިރުކުރަން ބޭނުންވާ ދެމީހުން ކަމުގައި ފުލުހުން ބުންޏެވެ.

ކޯޓަށް ހާޒިރުކުރަން ބޭނުންވި ނަމަވެސް ހާޒިރު ކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރުމާ ގުޅިގެން ހޯދަމުންދާ އެ ތިން މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 3322111، ނުވަތަ 9991442 ނަންބަރަށް ގުޅައި އެ މީހުންނާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.