15 Feb 2014, 09:54
ޖަކާޓާ (ފެބްރުއަރީ 15): އިންޑޮނީޝިޔާގެ ޖާވާގައިވާ ކިލޯޑް އަލިފާން ފަރުބަދަ އިން އަރަމުންދާ ބޯދުންތަކާ އެކު ފައިބަމުންދާ އަޅިތަކުގެ ސަބަބުން އެފަރުބަދައާ ކައިރީގައިވާ ހިސާބުތަކުގެ މީހުންނަށް ދިރިއުޅެން ދަތިވުމާ އެކު ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް އެމީހުން ދާން ފަށައިފި އެވެ.
އިންޑޮނީޝިޔާގެ ސަރުކާރު ބުނާގޮތުން އަލިފާންފަރު ބަދަ ގޮވަމުންދިޔުމުގެ ސަބަބުން ތިން އެއަޕޯޓެއް ބަންދުކުރުމުގެ އިތުރުން އާންމު ޚިދްމަތްތަކުގެ ބޮޑުބައެއްވެސް ވަނީ ހުއްޓާލަން ޖެހިފަ އެވެ. އަދި މަތިންދާބޯޓުތަކުގެ އިންޖީނަށް މައްސަލަތައް ކުރިމަތިވެދާނެތީ އިންޑޮނީޝިޔާގެ ބޮޑު ސަރަހައްދެއްގެ މަތިން މަތިންދާބޯޓު ދަތުރުކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.
މީގެއިތުރުން ގެދޮރުދޫކޮށް ފިލަންދާ މީހުންގެ އަދަދު ވެސް ދެލައްކައަށް ވުރެ ގިނަކަމަށާއި އިތުރު މީހުން ކުރިޔަށްއޮތް ދުވަސްތަކުގައި ގެދޮރުދޫކޮށްދާނެ ކަމަށް ބެލެވޭ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ޖާވާގައިވާ ކިލޯޑް އަލިފާން ފަރުބަދައިގެ ވަށައިގެން 130 ކިލޯ މީޓަރު ދުރުގައިވާ ސަރަހައްދުތަކަށް ވެސް ދަނީ ދުމާއި އަޅީގެ އަސަރުކުރަމުންނެވެ. މިސަރަހައްދުތަކުގެ މީހުންނަކީ ދަނޑުވެރިކަމާއި މަސްވެރިކަން ކުރާ ބައެކެވެ. (ބީ.ބީ.ސީ)