ވޮޝިންޓަން (ފެބްރުއަރީ 15): އަފްޣާނިސްތާނުގެ ޖަލުތަކުގައިވާ ތާލިބާން ހަނގުރާމަވެރިން މިނިވަން ނުކުރުމަށް އެމެރިކާ ކޮށްފައިވާ އިލްތިމާސަށް ބެލުމެއް ނެތި އަފްޣާން ޝަރުޢީ ދާއިރާ އިން ނިންމާފައިވާ ނިންމުމެއް ތަންފީޒު ކުރުމުގެ ގޮތުން އަފްޣާން ސަރުކާރުން އެމީހުން މިނިވަން ކުރުމުން އެމެރިކާގެ މަސްއޫލުވެރިން ކޯފާވެވަޑައިގެން ވާހަކަ ދައްކަވައިފި އެވެ.

މިމައްސަލާގައި ވަރަށް ކޯފާވެވަޑައިގެން ވާހަކަ ދައްކަވަމުން އެމެރިކާގެ ދިފާޢީ ވަޒީރު ޗަކް ހެގްލް ވިދާޅުވީ ރައީސް ހާމިދު ކަރުޒާއިގެ މިފިޔަވަޅުގެ ސަބަބުން އެމެރިކާ މާޔޫސްވެފައިވާ ކަމުގަ އެވެ. ނަން ހާމަކުރަން ނޭދޭ އެމެރިކާގެ އެހެން މަސްއޫލުވެރިއަކު ވަނީ އަފްޣާން ސަރުކާރުން މިނިވަންކުރި ތާލިބާން ހަނގުރާމަވެރިން އަލުން ހައްޔަރު ކުރުމަށް ނޫނީ އެމީހުންނަށް ޙަމަލާދިނުމަށް އެމެރިކާ ސިފައިން މަސައްކަތްކޮށްފާނެ ކަމުގެ އިޝާރާތެއް ވެސް ދީފަ އެވެ. ނަމަވެސް ޕެންޓަގަން އިން ވަނީ މިފަދަ ޢަމަލެއް އެމެރިކާ ސިފައިން ފުރަތަމަ ނުހިންގާނެ ކަމަށާއި ނަމަވެސް މިނިވަންކުރި ހަނގުރާމަވެރިންގެ ފަރާތުން އެމެރިކާގެ މަސްލަހަތަށް ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ އެމެރިކާ ސިފައިންގެ އަމާޒަކަށް އެމީހުން ހަދާނެ ކަމުގެ އިންޒާރު ދީފަ އެވެ.

އެމެރިކާ ތުހުމަތު ކުރާގޮތުން އަފްޣާން ސަރުކާރުން މިނިވަން ކުރުމަށް ނިންމި ތާލިބާނުންގެ 65 އަސީރުންގެ ތެރޭގައި ގިނައީ އަފްޣާނިސްތާނުގައި ހަނގުރާމަކުރާ އެމެރިކާ ސިފައިންނަށް ޙަމަލާދިނުމާއި އެމެރިކާ ސިފައިން މެރުމުގައި ޝާމިލްވާ މީހުންނެވެ. އެމެރިކާގެ މިފާޑުކިޔުންތަކަށް ރައީސް ހާމިދު ކަރުޒާއި ވަނީ ރައްދު ދެއްވާފަ އެވެ. ކަރުޒާއި ވިދާޅުވީ އަފްޣާން ޝަރުޢީ ދާއިރާ އަށް ފާޑުކިޔުން އެމެރިކާ ހުއްޓާލަން ވެއްޖެ ކަމަށާ ޝަރުޢީ ދާއިރާ އަށް ފާޑުކިޔައި ކޯޓުތަކުގެ މުސްތަގިއްލުކަން ނަގާލުމަށް އަޑުއުފުލުމަކީ ޑިމޮކްރަސީގެ އުސޫލު ނޫންކަމުގަ އެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ކަރުޒާއި ވަނީ ޑިމޮކްރަސީގެ އުސޫލުތައް އެމެރިކާ އަށް ހަނދާން ކޮށްދެއްވައިފަ އެވެ.

އަފްޣާން ޝަރުޢީ ދާއިރާގެ އަމުރެއް ތަންފީޒު ކުރުމުގެ ގޮތުން ކަރުޒާއިގެ ސަރުކާރުން ވަނީ އެގައުމުގެ ޖަލުތަކުގައިވާ ތާލިބާން ހަނގުރާމަވެރިންގެ ތެރެއިން 65 މީހުން މިނިވަން ކުރުމަށް ނިންމިކަން މިދިޔަ ހަފްތާގައި އިޢްލާން ކުރައްވާފަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ކަރުޒާއިގެ ސަރުކާރުން ވަނީ އެ 65 ހަނގުރާމަވެރިން ކާބުލްގެ މައި ޖަލުން މިނިވަންކޮށް ދޫކޮށްލާފަ އެވެ.

ކަރުޒާއި ވިދާޅުވީ އަފްޣާން ޖަލުތަކުގައިވާ ގައިދީންތަކެއް މިނިވަންކުރުމަށް އަފްޣާން ޝަރުޢީ ދާއިރާ އިން ނިންމުމުން އެކަމަށް އެމެރިކާ އަށް ފާޑު ނުކިޔޭނެ ކަމަށާ އަދި އެކަމަކީ އެމެރިކާއާ ބެހޭ ވެސް ކަމެއް ނޫންކަމެއް ކަމަށް ވެސް ކަރުޒާއި ވިދާޅުވި އެވެ. ކަރުޒާއި މިމޭރުމުން އެމެރިކާ އަށް ރައްދު ދެއްވުމާއި ކަރުޒާއިގެ ސަރުކާރަށް އެމެރިކާ އިންޒާރު ދިން ދިނުމަކީ އަފްޣާނިސްތާނާއި އެމެރިކާގެ ގުޅުންތައް މިހާރު ވަރަށްބޮޑަށް ގޯސްވެފައިވާކަން ސާބިތުކޮށްދޭ ކަމެއް ކަމަށް މުރާސިލުން ބުނެ އެވެ. (ރޮއިޓާސް)