15 Feb 2014, 09:42
އދ. ދަނގެތި ސިއްޙީ މަރުކަޒުގެ ތިޖޫރި ވަގަށް ނަގާފައިވާކަން ރިޕޯޓް ކުރިތާ ދޮޅުގަޑިއެއްހާ އިރު ތެރޭ ތިޖޫރި ހޯދައި އެ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 33 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނަކު ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ އިއްޔެ ހަވީރު ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެމީހުންގެ ވަނަވަރެއް ފުލުހުން އާންމެއް ނުކުރެ އެވެ.
ފުލުހުން ބުނީ ސިއްޙީ މަރުކަޒުގެ ތިޖޫރި ވަގަށް ނަގާފައިވާކަން އެނގިފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ރަށުތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ސިއްޙީ މަރުކަޒުގެ ކުޑަދޮރެއް ހުޅުވާފައި ހުރި ކަން ފާހަގަ ކުރެވިގެން ބެލި ބެލުމުން ކަމަށެވެ. އަދި އޭގެ ގާތްގަނޑަކަށް ދޮޅުގަޑިއިރެއްހާ އިރު ފަހުންޗ ފުލުހުން ވަނީ އެ ރަށު ފަޅުގެއެއްގެ ތެރެއިން ތިޖޫރީ ހޯދައިފައި ކަމަށެވެ.
އަދި ތިޖޫރީ ފެނުނު އިރު ތިޖޫރީގައި ހުރި ހުރިހާ ފައިސާ އާއި ތަކެތި ހަމައަށް ހުރިކަމަށް ވެސް ފުލުހުންބުނެ އެވެ. ނަމަވެސް ތިޖޫރީގައި ހުރި ފައިސާގެ އަދަދެއް ފުލުހުން ނުބުނެ އެވެ.
އެ މައްސަލަ އދ. ދަނގެތި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުގީގު ކުރަމުންނެވެ.