އެމްޑީޕީގެ އަމާޒަކީ ކޮންމެ ކައުންސިލެއް ބާރުވެރިކުރުވައި ކައުންސިލްތަކުގެ އާމްދަނީ 50 މިލިއަން ރުފިޔާ އަށް އިތުރުކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އިން ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ އަބްދުލްމަތީނު ހަސަންގެ ކެމްޕޭން ލޯންޗްކުރުމަށް ރޭ މާލޭ ސިޓީ ކައުންސިލް ހޯލްގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރަށަށް ބޭނުންވާ އާމްދަނީ ހޯދައި ރަށަށް ތަރައްގީ ގެނައުމުގައި ކައުންސިލްގެ ހިއްސާ ވަރަށް ބޮޑު ކަމަށާއި އެކަން ވާން އޮތީ ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރުކޮށްގެން ކަމަށެވެ.

"އަޅުގަނޑުމެން އެމްޑީޕީގެ އަމާޒަކީ ކައުންސިލްތައް އިތުރަށް ބާރުވެރިކުރުވައި ކޮންމެ ކައުންސިލަކަށް ވެސް މަދުވެގެން 50 މިލިއަން ރުފިޔާ ލިބޭނެ ގޮތް ހަދައިދިނުން،" ނަޝީދު ވިދާޅުވި އެވެ.

އެގޮތުން މިފަހަރުގެ މަޖިލީހަށް އެމްޑީޕީގެ އަގުލަބިއްޔަތު ލިބިއްޖެ ނަމަ، ގާނޫނުގެ ދަށުން ކޮންމެ ރަށު ކައުންސިލަކަށް ފަޅުރަށެއް ލިބޭނެ ގޮތް ހައްދަވައިދޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އަދި އޭގެ އިތުރުން ރިސޯޓްތަކުގައި މަސައްކަތް ކުރާ ސްޓާފުންގެ ސާވިސްޗާޖް މިހާރު ލިބޭ ވަރަށް ވުރެ އިތުރު ކުރުމަކީ ވެސް އެމްޑީޕީގެ އަމާޒެއްކަމަށް ނަޝީދު ވިދާޅުވި އެވެ.