15 Feb 2014, 01:11
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުނަސް ގާނޫނު އަސާސީ އަށް ބަދަލު ގެނެސްގެން ވެރިކަމުގެ ދައުރު އިތުރު ކުރަން ބޭނުންފުޅުވެ ވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މާފަންނު ހުޅަނގު ދާއިރާ އަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު ޝިނާންގެ ކެމްޕޭން ހަރަކާތްތައް ރަސްމީކޮށް ފެށުމުގެ ގޮތުން މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަމަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ލިބުނަސް ގާނޫނު އަސާސީ އަށް ބަދަލުގެނެސް އަތްގަދަ ކުރުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.
"އެއްގޮތަކަށް ވެސް ގާނޫނު އަސާސީ އަށް ބަދުކޮށްގެން އަތްގަދަ ކުރާކަށް ނޫން، އަޅުގަނޑު އެކަން ކުރާނެ މީހެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ރައީސް އެގޮތަށް ވިދާޅުވީ ފަހަކަށް އައިސް އެމްޑީޕީގެ ކަންމަތީ ބައްދަލުވުންތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނާ ގުޅޭ ގޮތުން ދައްކަވަމުން އަންނަ ވާހަކަތަކަށް ރައްދުދެއްވަ އެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައްޔާއި އަދި މި ސަރުކާރުގައި މަޖިލީހުގައި އެމްޑީޕީން ކަންތައް ކުރި ގޮތް ރައްޔިތުންނަށް އެނގޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އަކު ނެތި ކްރިމިނަލް ކޯޓުން މައްސަލަތައް ބަލައިނުގަންނައިރު އެކަމާ ކަންބޮޑުވެ އެކަން ހައްލުކުރުމަށް އެމްޑީޕީން މަސައްކަތް ކުރަމުން އަންނަތަނެއް ފެނިގެންނުދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބާރުތައް ވަކިކުރުމޭ ކިޔައިގެން އެމްޑީޕީން ވާހަކަދައްކާ އިރު ބާރުތައް ވަކިކުރުމަކީ ރައްޔިތުންނަށް ބޭނުންވާ ކަންތައް ފުއްދުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާ ކަންތައްތަކަށް ދެކޮޅު ހެދުން ނޫން ކަމަށެވެ. އަދި ވިދާޅުވީ ރައީސް މިއަހަރުގެ ދައުލަތުގެ ބަޖެޓަށް އެމްޑީޕީގެ މެމްބަރުން ވޯޓު ނުދިނުމުން އެ ކަމުން އެކަނިވެސް އެ ޕާޓީ އަށް މެޖޯރިޓީ ލިބިއްޖެ ނަމަ ވެގެންދާނެ ގޮތް ރައްޔިތުންނަށް ކަށަވަރުވާނެ ކަމަށެވެ.
"އެއްގޮތަކަށް ވެސް ބާރުތައް ވަކިވުމަކީ ނޫނިއްޔާ ސަރުކާރަށް ފާރަވެރިވުމަކީ އެއްގޮތަކަށް ވެސް ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުއްދުމަށް ޓަކައި ސަރުކާރުން ކުރަން ހުށަހަޅާ ކަންތައްތަކުގައި ދެކޮޅުހެދުމެއް ނޫން. ބަޖެޓަށް ވޯޓު ނުދޭ ހިސާބުން އެކަނި މިކަން ތިޔަ ބޭފުޅުންނަށް ކަށަވަރުވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށް ފަހު ޖެހިގެން އައިދުވަހު ރާއްޖޭގެ އެކި ކަންކޮޅުގައި ހިންގި ހަމަނުޖެހުމުގެ ތެރެއިން ހަމައެކަނި އައްޑޫ ސިޓީގައި ހުރި ފުލުހުންގެ މަރުކަޒުތަކާއި ފުލުހުންގެ ތަމްރީނުދޭ ތަންތަނުގައި ހުޅުޖަހައި އަންދާލުމުން 19 ވަރަކަށް މިލިއަން ޑޮލަރުގެ ގެއްލުން ދައުލަތަށް ލިބުނު ކަމަށާއި އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ޖިނާއީ އަދުލުގެ ނިޒާމްގެ ތެރެއަށް ވަންނަން ބޭނުންނުވާ ކަމަށާއި އެ ނިޒާމުގެ މަސައްކަތް ކުރިއަށްގެންދަވާނީ ޕްރޮސެކިއުޓާ ޖެނެރަލާއި ކްރިމިނަލް ކޯޓުން ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ހައްގުތަކާ ގުޅިފައިވާ މަދަނީ މައްސަލަތައް އަވަހަށް ކޯޓުތަކުން ނިމިގެންދިޔުމަކީ ސަރުކާރުން ބޭނުންވާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.