ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހޮރައިޒަން ފިޝަރީޒް ކުންފުންޏަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އިން ދޭން ނިންމި 20 މިލިއަން ޑޮލަރު [ދުއިސައްތަ ފަސްސާސް ހަތް މިލިއަން ރުފިޔާ]ގެ ލޯން އެގްރީމަންޓުގައި ސޮއިކޮށްފި ކަމަށް ބޭރު މީޑިއާގައި ރިޕޯޓްކޮށްފި އެވެ.


އަރަބް ނިއުސް ވެބްސައިޓުގައި އިއްޔެ ބުނެފައި ވަނީ، އަމިއްލަ ވިޔަފާރީގެ ދާއިރާ ތަރައްގީކުރުމަށް އައިޑީބީގެ ލޯނު ދޭ ގޮފި ކަމުގައިވާ އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓާ (އައިސީޑީ)ގެ ޚާލިދު އަލް އަބޫދީ އާއި ހޮރައިޒަން ފިޝަރީޒްގެ ޗެއާމަން ގާސިމް އިބްރާހިމާ ދެމެދު 20 މިލިއަން ޑޮލަރުގެ ލޯނު އެގްރިމެންޓުގައި ސޮއިކޮށްފައި ވަނީ ވަރަށް ފަހުން ކަމަށެވެ. އެއީ އައިސީޑީން ރާއްޖެ އަށް ކުރި އެންމެ ބޮޑު އިންވެސްޓްމެންޓް ކަމަށް އަރަބް ނިއުސް ވެބްސައިޓުގައިވެ އެވެ.


އަރަބް ނިއުސްގައި އިތުރަށް ބުނަނީ، އެ ލޯނުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ހޮރައިޒަން ފިޝަރީސްގެ މަސް ފެކްޓްރީތައް އިތުރަށް ތަރައްގީ ކުރުމުވެ. އޭގެ ތެރޭގައި ލ. މާންދޫގައި ހުންނަ ހޮރައިޒަން ފިޝަރީސްގެ މަސްބަންދުކުރާ ފެކްޓަރީ ބައިނަލްއަގްވާމީ ފެންވަރުގެ ފެކްޓަރީއަކަށް ހެދުމަށް ފައިނޭންސް ކުރުމާއި ހޯޑެއްދޫގައި މަސް ފިނިކުރާ ނިޒާމަކާއި އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުން ހިމެނެ އެވެ.


އެ އެގްރިމެންޓުގައި ސޮއިކުރުމަށް ފަހު އައިސީޑީގެ ސީއީއޯ އަބޫދީ ވިދާޅުވެފައި ވަނީ، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ކުރިއަރާފައިވާ ކުންފުންޏަކާ އެކު ޕާޓްނާޝިޕް ގާއިމްކުރެވުމުން ވަރަށް އުފާކުރައްވާ ކަމަށެވެ. އަދި އެ އިންވެސްޓްމެންޓުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީވެ، ގައުމުގެ ކުރިއެރުމަށް މަންފާ ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އަދި ރާއްޖޭގައި މަސްވެރިކަން ކުރަނީ ދެމެހެއްޓެނިވި ގޮތެއްގައިކަން ފާހަގަކުރައްވައި، ރާއްޖޭގެ އެ ސިނާއަތަކީ އެހެން ގައުމުތަކަށް ހުރި ނަމޫނާއެއް ކަމުގައި އޭނާ ފާހަގަކުރައްވައިފައިވެ އެވެ.


އައިޑީބީގެ ލޯން އެހީ ހޮރައިޒަނަށް ދީފައިވާ ކަން ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓުކޮށްފައި މިވަނީ، އެ ލޯނު ލިބުމަށް ހުރަސްއެޅުމުގެ ގޮތުން ސަރުކާރުން "ނޯ އޮބްޖެކްޝަން ލެޓާ" ނުދިން ކަމަށް ބުނެ އެ މައްސަލަ ހޮރައިޒަނުން މަދަނީ ކޯޓަށް ހުށަހަޅާފައިވަނިކޮށެވެ.


ސަން އޮންލައިނަށް މިދިޔަ މަހު ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވެފައިވަނީ، ސަރުކާރުން ނޯ އޮބްޖެކްޝަން ލޭޓާ ނުދީ ލަސްކުރަމުންދަނީ އޭނާ އަށް ޖެއްސުންކޮށް، ލޯނު ލިބުމަށް ހުރަސް އަޅުމަށް ކަމަށެވެ. އަދި އެ ލޯނުގެ ހުރިހާ ޕްރޮސެސްއެއް ނިމި ސަރުކާރުގެ ސިޓީ ނުލިބިގެން ލޯނު ހަމަނުޖެހި އޮންނަތާ މިހާރު 10 މަސް ވެއްޖެ ކަމަށް ވެސް ގާސިމް ވިދާޅުވުވެފައި އެވެ.


އެ އިންޓަވިއުގައި ގާސިމް ވިދާޅުވެފައިވަނީ، "ނޯ އޮބްޖެކްޝަން ލެޓާ" ދީފައި ނުވާތީ އަވަސް ނިޔާ މައްސަލައެއްގެ ގޮތުގައި މަދަނީ ކޯޓަށް އެ މައްސަލަ ހުށަހެޅުމުން މިހާރު އެ މައްސަލައިގެ ހުކުމާ ހަމައަށް ގޮސްފައިވާ ކަމަށެވެ.